އައިޖީއެމްއެޗްގެ ނަރުސް މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ހަލީމަތު ލަމްހާގެ މައްޗަށް ސާބިތުވެއްޖެއެވެ.

މޭރީ ގްރޭސް މަރާލާފައިވަނީ 19 އޮކްޓޯބަރު 2021 ގައެވެ. އޭނާ މަރާލާފައިވަނީ ދިރިއުޅެމުންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ.

މޭރީ ގްރޭސް ދަންޖެހިގެން މަރުވީ ކަމަށް ބުނެ، އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިންއެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގުންނާ، ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މަރުވީ ބޮލަށް ދިން ބާރުގަދަ ހަމަލާތަކެއްގެ ސަބަބުންނެވެ.

މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.

މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ، މޭރީ ދަންޖެހިގެން މަރުވި ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާ ބެލި ޑޮކްޓަރުންގެ ހެކިބަހުން އެނގޭ ކަމަށެވެ. މީގެ އިތުރުން، މޭރީ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މާވިންއާ އެކު އެ ގޭގައި އުޅެނިކޮށް ކަމަށް ވާތީ، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ގާޒީ ނިންމެވީ މޭރީ މަރާލީ މާވިން ކަމަށެވެ.

މި މަރުގެ ފަހަތުގައި މާވިން އާއި އައިޖީއެމްއެޗްގައި މަސައްކަތް ކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާގެ ސިއްރު ގުޅުމެއް އޮތްކަން ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލާގައި ލަމްހާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ ހިމެނެއެވެ.