މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަންގައިފިއެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައި ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 27، 2021 ގައެވެ. އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ ހައްޔަރުކޮށްފައި ވަނީ އެ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ލަމްހާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ
މި މައްސަލައިގެ ޝަރީއަތް ލަސްވުމާ ގުޅިގެން ބަންދުން ދޫކޮށްލަ ދިނުމަށް ލަމްހާގެ ފަރާތުން އެދުމުން ނޮވެމްބަރު 23، 2023 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް ޕީޖީއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާއެކު ހައިކޯޓުގެ އަމުރަށް އަލުން އޭނާ ވަނީ ބަންދުކޮށްފައެވެ.
އެއަށްފަހު ޝަރީއަތްތައް ލަސްވަމުންދާތީ ލަމްހާ ބަންދުން ދޫކޮށްލުމަށް އެދުމުން މިދިޔަ ނޮވެމްބަރު މަހު 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްފައެވެ. ލަމްހާ ބަންދުން ދޫކޮށްލާފައި ވަނީ ރާއްޖެއިން ފުރައިގެން ނުދިއުމަށާއި ކޯޓުން އަންގާ ކޮންމެ ވަގުތެއްގައި ކޯޓަށް ގަޑިއަށް ހާޒިރުވުމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތު ކުރުމަށް ފަހުގައެވެ.މަ
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ މިދިޔަ ނޮވެމްބަރު މަހުއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ބުނެފައެވެ. އަދި 10 ދުވަސް ތެރޭގައި އެ މައްސަލަ ހުށަހަޅައިފިނަމަ ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ބުނީ އެ މުއްދަތުގައި އެ މައްސަލަ ހައި ކޯޓަށް އަލުން ހުށަހަޅާނެ ކަމަށެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ދައުވާތަކަށް ލަމްހާ އަދި މާވިން ވެސް އިންކާރުކޮށްފައި ވާއިރު، ދައުލަތުން ވަނީ މީގެ ކުރިން މައްސަލަ ސާބިތު ކުރަން ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ.