ގާޒާގެ މެދުތެރޭގައި ހުންނަ އަލް ނުސީރަތު ކޭމްޕަށް އިސްރާއީލު ސިފައިން ދިން ބޮމުގެ ހަމަލާގައި ކުށެއް ނެތް އެތައް އާންމުންނެއް މަރާލި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ހިލާފަށް، އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ގާޒާގެ އިންސާނީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. ބައިނަލްއަގްވާމީ މުޖުތަމައުގެ އަވަސް، ހަރުދަނާ ފިޔަވަޅުތަކާއެކު، އެކަން ހުއްޓުވަން ޖެހޭ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިޒްރޭލުގެ ހަރުކަށި ހަމަލާތައް ހުއްޓާލުމަށާއި، ހަމަނުޖެހުންތައް ނައްތާލައި، ކުށެއް ނެތް އާންމުން ހިމާޔަތްކޮށް، އެ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ސަރުކާރުން ގޮވާލާ ގޮވާލުން ވަނީ ތަކުރާރުކޮށްފައެވެ. ހަމައެއާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އަދުލުއިންސާފާއި ދައުލަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަލް ނުސީރަތް ކޭމްޕަށް އިއްޔެ އިޒްރޭލުން ދިން ހަމަލާގައި ގާޒާގެ ޕޯސްޓް އޮފީހުގައި ހިމާޔަތް ހޯދައިގެން ތިބި ފަލަސްތީނުގެ 30 މީހުން ޝަހީދުވެ، 50 މީހުން ވަނީ ޒަހަމްވެފައެވެ. އެ ހަމަލާގެ އިތުރުން، ގާޒާގެ ދެކުނުގެ ސަރަހައްދެއްގައި ގާޒާއަށް އެހީ އުފުލާ ދެ އުޅަނދަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކެއްގައި އިތުރު 13 މީހަކު ވެސް ވަނީ ޝަހީދުވެފައެވެ.

އެ ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ.