ރައްޔިތުންގެ މަޖިލީހުން މި މަހުގެ 12 ވަނަ ދުވަހު ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ދިވެހި ބޭންކެއްގައި ޑޮލަރު މާރުކުރަން އަންގާ ފާސްކޮށް ތަސްދީގުކުރި މި ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅާ ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާއި އަދި ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމުގެ އިތުރުން އެނޫންވެސް ބޭރު ފައިސާއާބެހޭ މުއާމަލާތްތަކާ ގުޅޭ ހަރުދަނާ އޮނިގަނޑެއް ކަނޑައެޅުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައީސްއޮފީހުން ބުނީ މި ބިލުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އެހެން ފަރާތަކަށް މީލާދީ އަހަރެއްގެ ތެރޭގައި މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން އެމްއެމްއޭ ގައި ރަޖިސްޓްރީކޮށް، އެފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ، ރާއްޖޭގެ ބޭންކެއްގައި ހުޅުވައިފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ކުރަން ޖެހޭނެ ކަމަށެވެ.
ރައީސް އޮފީހުން ބުނީ، އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު އެ ގާނޫނު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.
މި ބިލު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހުއެވެ. މި ބިލު ކޮމިޓީ އިން ފާސްކުރި އިރު ބިލުގައި ހިމަނާފައިވާ ބޮލަކަށް 500 ޑޮލަރު މާރުކުރަން ބޭނުން ނޫން ނަމަ ރިސޯޓުގެ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓު މާރުކުރެވޭނެ ގޮތަށް ވަނީ ބަދަލެއް ގެނެސްފައެވެ. އެގޮތުން ގެނައި ބަދަލަކީ ރިސޯޓުތަކުގެ މާލީ ދަތިކަން ހުރި ނަމަ އެ އަދަދު 20 ޕަސެންޓަށް ވުރެ ދަށްކޮށް ދައްކަން އެދުމުގެ އިހުތިޔާރު ދިނުމެވެ.
ނަމަވެސް މި ލުއި ދެވޭނީ މާލީ ދަތިކަން ކުރިމަތިވެފައިވާކަން އެ ރިސޯޓަކުންް އެމްއެމްއޭއަށް ސާބިތުކޮށްދިނުމުން ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ބިލުގައި ދެން ހިމަނާފައިވާ އެންމެ މުހިންމު ކަމަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ނޫން ނަމަވެސް އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރު ކުރުވުމެވެ.
ސަރުކާރު ފަރާތުން ހުށަހެޅި ބޭރު ފައިސާ އާ ބެހޭ ބިލުގައިވާ ގޮތުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން މަދުވެގެން އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން އެ ލިބޭ އާމްދަނީން ބައެއް ދެ ގޮތަކަށް މާރުކުރުމުގެ އިހްތިޔާރު ދީފައިވެއެވެ. އެއީ ރިސޯޓުތައް ނަމަ އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އަދި ގެސްޓްހައުސް ފަދަ ވިޔަފާރިތައް ނަމަ 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހަކު އެ ތަންތަނަށް ލިބޭ އާމްދަނީގެ 20 ޕަސެންޓުން ނެވެ.