އެމްޑީޕީގެ މެންބަރުންނަކީ އިސްލާމްދީން ގަބޫލު ނުކުރާ ބައެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ބަަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޕީއެސްއެމުން ގުރުއާންގެ ކަލިމައެއް އުނިކޮށް ދެއްކި މައްސަލާގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވަނީ އެމްޑީޕީއަކީ "ލާދިނީ" ބައެއް ކަމަށާއި އެ ޕާޓީގެ ތާރީހުން ވެސް ފެންނަން އޮތީ ދީނާ ހިލާފު ކަންކަން ކަމަށެވެ. އެމްޑީޕީ މެންބަރުންނަކީ ކީރިތި ގުރުއާން ކީއްކުރަން، އިސްލާމް ދީން ވެސް ގަބޫލު ކުރާ ބައެއް ނޫން ކަމަށް އެނާ ވިދާޅުވިއެވެ.
އެ ވާހަކަތައް ކުށްވެރި ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ގާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ދިވެހިރައްޔިތް ކަނޑައަޅައި ބަޔާންކޮށް، މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައިވާތީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް މުސްލިމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާގޮތުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު އެމީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ޖިނާއީ ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު) ގެ 35 ވަނަ މާއްދާގައި ވާގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ދިވެހިރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫންކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މި މައްސަލަ އަވަހަށް ބަލައި ދިނުމަށާއި އެކަށިގެންވާ ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވިއެވެ.