ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި 3 މީހަކު ހައްޔަރުކޮށް 22 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހައްޔަރު ކޮށްފައި ވަނީ، އުމުރުން 39 އަހަރުގެ މުހައްމަދު ޝާމިން، މއ، ވިރާހު އާއި އުމުރުން 33 އަހަރުގެ އަހްމަދު ޝަބީން، ސަންރޭ، ލ. ދަނބިދޫ އަދު އުމުރުން 36 އަހަރުގެ ނުއުމާން އަހްމަދު، ހޮލިޑޭވިލެޖް، ހދ. ކުުންދޫއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސް އަލައި ހުޅުމާލޭގެ މ،ަގުތައް ބަނދުކުރި މައްސަލައިގައި 3 މީހަކު ހައްޔަރު ކުރި ކަމަށާއި އެ އިހުތިޖާޖުގެ ތެރެއިން 22 އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ނުއުމާން ވަނީ ޝަރުތު ކުރުމަށްފަހު ދސޫކޮށްލާފައެވެ. އަދި ބާކީ ތިބި ދެ މީހުންގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ. މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
އިއްޔެ ޓެކްސީ ޑްރައިވަރުން އިހްުތިޖާޖު ކޮށްފައި ވަނީ، ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޓެކްސީ ހިދުމަތް ދޭން ފަަށަން ނިންމާފައިވާކަން އެންމެ ފުރަތަމަ ސަރުކާރުން އިއުލާނު ކުރީ ޖުލައި 25 ގައި ނަމަވެސް ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.
ނަމަވެސް އޭގެފަހުން މިދިޔަ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ ތޮއްޖެހުން އިތުރުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.