މި ސަރުކާރު ވެރިކަމަށް އައިތާ އަހަރެއް ވެފައިވާ އިރު، ދައުލަތުގެ އާމްދަނީއަށް ވަންނަ ފައިސާ މަދު ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރު އޮތީ ރައްޔިތުންނަށް ކޮށް ދޭން ޖެހޭ ކަންކަން ކޮށްދިނުމަށް ނުކުޅެދިފައި ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މި ދައުރު ނިންމާލުމަށް ފަހު މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުލް ގަފޫރު ވަނީ މި ސަރުކާރުން ކުރާ ވައްކަމާއި ފަސާދަ އިތުރުވަމުން އަންނަ ކަމަށާއި މަކަރާ ހީލަތްވެސް ހަދާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކަމުންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާ ކުރެއްވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކަމުން ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހަރަދުގައި ކަމަށާއި އެއީ އެކަން ކުރަން ޖެހޭ ގޮތް ނޫން ކަމަށް ގަފޫރު ވިދާޅުވިއެވެ. އެޗްޑީސީގެ ފައިސާއިން އެ ތަން ހިއްކަން ވާނީ އެ ފަޅު އެޗްޑީސީގެ މިލްކަކަށް ހެދުމަށް ފަހުގައި ކަމަށް ގަފޫރު ވިދާޅުވިއެވެ. އެހެންކަމުން އެޗްޑީސީގެ ފައިސާއިން އެ މަސައްކަތް ހިންގަމުން ދިއުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ދަށަށް ދާ މަންޒަރު ފެންނަމުން ދާ ކަން ހާމަ ކުރައްވަމުން ގަފޫރު ވިދާޅުވީ، މިއަދު މާލިއްޔަތު ކޮމިޓީން އައި ލިޔުމެއްގައި ވަނީ ތެލާއި ކާޑުގެ ބާވަތްތައް ނެގުމަށް 3 އަހަރުން ދައްކާ ގޮތަށް 50 މިލިއަން ޑޮލަރު ނަގާކަމަށެވެ. އޭގެ އިންޓަރެސް ރޭޓަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އިްޓަރެސްތް ރޭޓް މިއުޅެނީ 13.13 ޕަސެންޓަގައި ކަމަށް އެނާ ވިދާޅުވިއެވެ.

މީގެ މާނައަކީ ތިން އަހަރު ތެރޭގައި 65 ނުވަތަ 67 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ގަފޫރު ވިދާޅުވިއެވެ. މިއީ މިއަދުގެ ހާލަތު ކަމަށާއި މުޅި ސަރުކާރު ތެރޭގައި އަދި ކުންފުނިތަކުގެ ތެރެއިން ފެންނަ މުން ދަނީ ވައްކަން ކުރަމުން އަންނަ ތަން ކަމަށް ގަފޫރު ވިދާޅުވިއެވެ.

މި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަމުން އަންނަނީ ކުރީ ސަރުކާރުން ކުރި ކަންކަމުގެ ވާހަކަތައް އިއާދަކޮށް ދައްކަމުން ކަމަށާއި އަދި ކޮންމެ ކަމެއް ވެސް މި ސަރުކާރުން ކުރަމުން އަންނަނީ މާ ގޯސް ކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ދުވަހު ވެސް ހުރިހާ ކަމެއް ވެސް ކޮށްދޭނީ އިހްލާސްތެރިކަމާ އެކުގައި ކަމަށް މި ސަރުކާރުން ބުނި ކަމުގައި ވިޔަސް ފެންނަމުން ދަނީ ވައްކަމާއި ފަސާދައާއި ދޭތެރެ ޖެއްސުމާއި، ދެބައޮޑުވުމާއި ފިތުނަ އުފެއްދުމުގެ ސިލްސިލާތަކެއް ކަމަށް ގަފޫރު ވިދާޅުވިއެވެ.

ރައްޔިތުްނ ސަރުކާރު ބަދަލުކޮށް މި ސަރުކާރަށް ވެރިކަން ހަވާލު ކުރީ މި މަންޒަރު ބަލަން ނޫން ކަމަށް ގަފޫރު ވިދާޅުވިއެވެ. ދައުލަތަށް ލިބޭ އާމްދަނީ ަމދު ނުވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުވާ ކަމަށް ގަފޫރު ވިދާޅުވިއެވެ. އެހެންކަމުން ފެންމަުން މި ދަނީ ވަރަށް ހިތާމަވެރި ދުވަސްތަކެއްގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.