ޓެކްސީ ޑްރައިވަރުން ކުރަމުންދިޔަ އިހުތިޖާޖަށް ހުރަސްއަޅައި ޑްރައިވަރުން ހައްޔަރުކުރި މައްސަލަ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ކުށްވެރިކޮށް ހައްޔަރު ކުރި ފަރާތްތަކަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރަމުން ދިޔަ ސުލްހަވެރި މުޒާހަރާގެ ތެރެއިން 3 ޑްރައިވަރުން ހައްޔަރުކޮށް 21 ޓެކްސީއެއް 30 ދުވަހުގެ މުއްދަތަށް ހިފަހައްޓާފައިވާތީ ފުލުހުންގެ އަމަލު ކުށްވެރިކޮށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ އެއްވެ އުޅުމާއި ސުލްހަވެރި އިޖުތިޖާޖުކުރުމާއި، ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
އިއްޔެ ހަވީރު ޑްރައިވަރުން ކުރި ސުލްހަވެރި އިހުތިޖާޖަށް ވެސް ފުލުހުން ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ. އަދި ހައްޔަރުކުރި ޑްރައިވަރުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން 2 ޑްރައިވަރަކު 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ނިންމާފައިވާއިރު ފުލުހުންގެ ފަރާތުން އެ ޑްރައިވަރުންނަކީ ރޭވިގެން މުޒާހަރާކޮށްފައިވާ ބަޔަކަށްވާތީ، އެމީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ބައެއް ކަމަށް ބުނުމުން އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ޓެކްސީ ޑްރައިވަރުންނަކީ ދުވަހުން ދުވަހަށް ލިބޭ އާމްދަނީއަށް ބަރޯސާވެގެން ދިރިއުޅޭ ބައެއް ކަމަށްވާއިރު، 21 ޓެކްސީއެއް 30 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަކީ 21 އާއިލާގެ އާމްދަނީ ހުއްޓުވާލުން..... ގާނޫނުގައި ބަޔާންކޮށްފައި ވާގޮތުން ފުރަތަމަ ފަހަރުނަމަ އަދަބަކީ 2000 ދެހާސް ރުފިޔާއިން ޖޫރިމަނާކުރުމެވެ. ލުއި އަދަބެއް ކަނޑައެޅިފައި އޮއްވައި، އެންމެ ހަރުކަށި އަދަބު އިހުތިޔާރުކޮށްފައިވަނީ ޓެކްސީ ޑްރައިވަރުން ކުރަމުންދާ ސުލްހަވެރި އިހުތިޖާޖު ހުއްޓުވާލައި، އެ އާއިލާތަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އިހުތިޖާޖުގައި ބައިވެރިވެގެން ހައްޔަރުކުރި 3 ޓެކްސީ ޑްރައިވަރުންނަށް އެ ޕާޓީގެ ފަރާތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ފާހަގަކޮށް އެމްޑީޕީން ބުނީ، ޓެކްސީ ޑްރައިވަރުންގެ އުޅަނދުތައް އަނބުރާ ހޯދުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްވެސް އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރަމުންގެންދާނެ ކަމަށެވެ.
ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މިފަދަ ކޮންމެ ކަމެއްގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ، ރައްޔިތުންގެ ފަރާތުން ވަކާލާތުކޮށް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ އަރުވާފައެވެ. އަދި ހަމައެހެންމެ ޓެކްސީ ކުރުމުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުން ކުށްވެރިކޮށް ހައްޔަރުކޮށްފައިވާ ޓެކްސީ ޑްރައިވަރުން މިނިވަންކުރުމަށާއި، ހިފަހައްޓާފައިވާ އުޅަނދުތައް ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.