ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދޭ ދައުވަތު ގަބޫލުކުރާ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މުޅި ރާއްޖެއަށް ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެކިއެކި އިހުތިޖާޖުތައް ރާވައި ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހެޅި މި ގަރާރަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ގަލޮޅު ދެކުނު ދާއިރާގެ ރައީސް ތާއިދުކޮށްފައިވާއިރު މި ގަރާރު ފާސްވީ އެމްޑީޕީ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 18 ވަނަ ޖަލްސާގެ 89 މެންބަރުންގެ އިއްތިފާގުންނެވެ.

މި ގަރާރުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އިހުއޮތްގޮތަށް ރުޖޫއަކުރުމާ ހަމައަށް، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުކުރުމުގެ ގޮތުން އެކިއެކި ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދިއުމަށާއި، މި ބަދަލުގެ ސަބަބުން ނުކުންނަ ނަތީޖާތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުޅާދާއިރާއެއްގައި ކެމްޕޭނު ހިންގުމަށެވެ.

މީގެ އިތުރުން އެމްޑީޕީން އިސްނަގައިގެން ހިންގާ މި ހަރަކާތުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކަށާއި، މަދަނީ ޖަމިއްޔާތަކަށާއި، ފަންނީ ދާއިރާތަކުގެ ފަރާތްތައް ބައިވެރިވުމަށް ވަނީ އެދިފައެވެ. އަދި އެމްޑީޕީން ދޭ ދައުވަތު ގަބޫލުކުރާ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މުޅި ރާއްޖެއަށް ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެކިއެކި އިހުތިޖާޖުތައް ރާވައި ހިންގުމަށްވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.

އިތުރަށް އެމްޑީޕީގެ ގަރާރުގައިވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ގޮތުން ބުނި ބަހެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއިން ވަކިކުރުމުގެ ސަބަބުން، ނުވަތަ ރައްޔިތުންގެ މަސްލަހަތުގައި މި ޕާޓީން ކުރަމުން ގެންދާ މަސައްކަތާ ބައިވެރިވުމުގެ ގޮތުން، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން ވަކިވެ، އެމްޑީޕީގެ މެންބަރަކަށް ވުމުގެ ސަބަބުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެނަމަ، އެ މެންބަރަކު ތަމްސީލުކުރި ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި، ރައްޔިތުންގެ މަޖިލީހުން ވަކިކުރެވުނު މެންބަރު ވާދަކުރާނަމަ މި ޕާޓީއިން އެ މެންބަރަކަށް ތާއީދުކުރުމަށާއި، އެ މެންބަރަކު އަލުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމަށް އެމްޑީޕީގެ ފަރާތުން އެ މެންބަރަކާއެކު މަސައްކަތްކޮށްދިނުމަށް އެއްބަސްވެފައެވެ.