ގައުމު ހިންގަވަން ހުންނެވި ވެރިޔާ ރައްޔިތުންނަށް އަނިޔާވެރިވީމަ ރައްޔިތުން ކުޅޭނީ ތާރީހުގެ ފޮތްތަކުން ކަމަށާއި ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދިހެން ހަދަން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޖަލްސާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަލްސާއަށް ހުރަސް އެޅުމަށް ސަރުކާރުން މަސައްކަތް ކޮށްފިއްޔާ ހަދާނެ ގޮތަކާ މެދު ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފައެވެ. ހަމައެއާއެކު އެމްޑީޕީ ޖަލްސާއެއްގައި ރައީސް އަމީނަށް ހެދި ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހަދަން ޖެހިދާނެ ކަމަށް ބުނި މައްސަލައާ ގުޅިގެން ވެސް ނޫސްވެރިއާ ވަނީ ސުވާލުކޮށްފައެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކި އަބްދުއްރަހްމާން އިސްމާއިލް ކިޔާ މީހަކު ވަނީ ރައީސް އަމީނަށް ހެދިގޮތަށް މުއިއްޒުއަށް ހަދަން ޖެހިދާނެ ކަމަށް ބުނެފައެވެ. އެ މީހާ ބުނީ "އަމީން ކުޅުއްވީ ދުންފަތާ" ކަމަށެވެ. އަދި "ރައީސް މުއިއްޒު ކުޅުއްވަނީ ގާނޫނުއަސާސީއާ" ކަމަށެވެ. ގާނޫނު އަސާސީއާ ކުޅޭ ކަމަށްވަންޏާ ރީތި ކެއްސެއް ލިބިގެންދާނެ ކަމަށް އެމީހާ ބުނެފައި ވެއެވެ.

އަމީން ދުންފަތާ ކުޅުނު ކަމުގެ ތުހުމަތު ކޮށް، އޭރު ވެރިކަން ބޭނުން ވެފައި ތިބި ބަޔަކު އަޑީގައި ތިބެ އަމީން ދީދީ ދިނީ ހަވަރަށެވެ. ތަޅާ އަނިޔާކޮށް އަވަހާރަވާން ދޫކޮށްލީ ފަޅުރަށަކަށެވެ.

މި ކަމަށް ގުޅިގެން ފައްޔާޒް ވިދާޅުވީ، ރައްޔިތުންނަށް ދެރަ ދިނީމައި ހަދަން ޖެހޭނީ މުހައްމަދު އަމީނަށް ހެދިހެން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް ކަމަށެވެ. ކުޅުދުއްފުށީ ޖަލްސާގައި އެމީހަކު އެހެން ބުނެފައި ވަނީ ރައީސް ޑރ. މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޖަލްސާއެއްގައި ޕޯޑިއަމަކަށް އަރާ ހުރެ ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ ކަންކަން ވެރިންނަށް ހަނދާންކޮށް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ތާރީހަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަން ހިނގާ ގޮތަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، ބަޔަކަށް އަނިޔާވެރި ވެއްޖެއްޔާ އަނިޔާވެރިވާނެ ކަމަށެވެ. ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް ގޮވާލައްވަމުން ފައްޔާޒް ވިދާޅުވީ އަނިޔާވެރި ވެއްޖެ ނަމަ ތާރީހުގެ ފޮތްތަކުން ރައްޔިތުން ކުޅޭނެ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅާކަށް ނުކެރޭނެ ކަމަށާއި އެކަމަށް 100 ޕަސެންޓް ޔަގީންކަން އެބް އޮތް ކަމަށެވެ. މިއީ ހަމައެކަނި އެމްޑީޕީގެ އަޑު އުފުލުމަށް ބާއްވާ ޖަލްސާއެއް ނޫން ކަމަށާއި މިއީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބާއްވާ ޖަލްސާއެއްގެ ގޮތުގައި ފައްޔާޒް ފާހަގަ ކުރެއްވިއެވެ.