އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޖަޕާނު ސަރުކާރުން 18.5 މިލިޔަން ރުފިޔާގެ އެހީ ދިނުމަށް އެބަސްވުމުގައި ސޮއިކޮށްފިއެވެ..
މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޖަޕާނުގެ ސަފީރު ޓަކެއުޗީ މިދޯރީއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ، ޖަޕާނުން ރާއްޖެއަށް އެހީ ފޯރުކޮށްދީފައި ވަނީ އެ ގައުމުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމެންޓް ޕްރޮގުރާމްގެ ދަށުން ކަމަށެވެ. އަދި މި އެހީގެ ސަބަބުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަރުދަނާ ކުރެވޭނެ ކަމަށް ހަލީލް ވިދާޅުވިއެވެ. މީގެ އިތުރުން މި އެހީގެ ސަބަބުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އޭސީސީގެ ގާބިލުކަން އިތުރުވެ، އެ އިދާރާގެ މަސައްކަތްތައް އަވަސްކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޖަޕާނު ސަރުކާރުން އަބަދުވެސް ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީ ވެދެއްވާކަން ހަލީލް ފާހަގަކުރެއްވިއެވެ. އަދި އެހީ ލިބޭ ދާއިރާތައް ފުޅާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިދޯރީ ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭން ބޭނުންވާ ކަމަށެވެ. އެހެންކަމުން އޭސީސީގެ މަސައްކަތަށް އެހީގެ ސަބަބުން އަވަސްކަމާއި ހަރުދަނާކަން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ޖަޕާނު ސަރުކާރުން ފޯރުކޮށް ދިން އެހީގެ ތެރޭގައި ފައިސާގެ އެހީއާއި 14 ވެހިކަލާއި 2 ކަނޑު އުޅަނދު ހިމެނެއެވެ.
މި ރަސްމިއްޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން، މިނިސްޓްރީ އޮފް ފިނޭންސް އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.