އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ އެވަޓަން މިއަދު ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މިމެޗު ފަސްކުރީ އިންގްލޭންޑްގެ ބޮޑު ބަޔަކަށް މިހާރު އަރައިގެން އުޅޭ ތޫފާން ޑާރާގެ ސަބަބުން މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

އިނގިރޭސިވިލާތުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ތޫފާން ޑާރާގެ ސަބަބުން ހޮނިހިރު ދުވަހު އެވަޓަންގެ ދަނޑު ގުޑިސަން ޕާކް ހުންނަ މާޒީ ސައިޑަށް ވަރަށް ވައިގަދަވެ ބޭރަަށް ނިކުމެ އުޅުމަށް ނުރައްކާތެރިވާނެ ކަމަށެވެ.

އެވަޓަން އިން ބުނީ މިއަދު ހަވީރު ރާއްޖެ ގަޑިން ހަވީރު 5:30 ގައި ކުޅެން އޮތް މެޗު ފަސް ކުރަން ނިންމީ ދެ ކްލަބްގެ އޮފިޝަލުންނާ ލިވަޕޫލް ސިޓީގެ ފުލުހުންނާ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އެވަޓަންއިން ނެރުނު ބަޔާނެއްގައިި ބުނީ މި ނިންމުމުގެ ސަބަބުން ސަޕޯޓަރުން ހިތްހަމަނުޖެހޭނެ ކަން ވިސްނޭ ކަމަށާ އެހެން ނަަމަވެސް މިއީ ސަޕޯޓަރުންނާއި ދެ ޓީމުގެ ކުޅުންތެރިންގެ ރައްކާތެރި ކަމަށް ނިންމި ނިންމުމެއް ކަމަށެވެ. މި މެޗު ދެން ކުޅޭނެ ދުވަހެއް އިންގްލޭންޑްގެ އެފްއޭއިން އަދި ހާމައެއް ނުކުރެއެވެ.

ލިވަޕޫލް އޮތީ ތާވަލުގެ އެއްވަނައިގައި/ފޮޓޯ: އެކްސް

އެވަޓަންއާ ލިވަޕޫލަކީ އިންގްލޭންޑްގެ އެއް ސިޓީއަށް ނިސްބަތްވާ ދެ ޓީމަށްވާ އިރު ކޮންމެ ސީޒަނެއްގައި ވެސް މި ދެ ޓީމުގެ ދެމެދު ކުޅޭ މެޗުތަކަކީ އެންމެ ފޯރިގަދަ މެޗުތަކެވެ. ދެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ދައްކާ މިމެޗުތަކަކީ ލީގުގެ ތާރީހުގައި ވެސް އެންމެ ގިނައިން ރަތް ކާޑު ދައްކާފައިވާ މެޗުތަކެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ހަފްތާ މެޗު ތެރޭ ކުޅުނު މެޗުގައި ނިއުކާސަލް އަތުން އެންމެ ޕޮއިންޓެއް ހޯދުނު އިރު ދެވަނަ އަދި ތިން ވަނައިގައި އޮތް ޗެލްސީ އަދި އާސަނަލް ވަނީ ލިވަޕޫލުގެ ޕޮއިންޓް ފަރަގު 7 އަށް ކުޑަކޮށްފައެވެ.