ރަސްފަންނުން ވިހަގަދަ ކޯންސްނެއިލް ފެންނާތީ އެކަމަށް ސަމާލުވުމަށް އޯޝަންހޯލިކް މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.

މި ކޯންސްނެއިލްގެ ބައެއް ވައްތަރަކީ ވަރަށް ވިހަގަދަ އަދި ބައެއް ފަހަރު ފުރާނައަށް ވެސް ނުރައްކާވާފަދަ އެއްޗެއް ކަމަށް އޯޝަންހޯލިކް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

އޯޝަންހޯލިކް މޯލްޑިވްސްއިން ބުނީ އާންމު ގޮތެއްގައި ފެންނަނީ ހަވީރު އަދި ރޭގަނޑުގެ ވަގުތުގައި ކަމަށެވެ. އެހެންކަމުން އެ ވަގުތު މޫދަށް އެރިއުޅޭ މީހުން ހާއްސަ ސަމާލުކަމަށް ދިނުމަށް އޯޝަންހޯލިކް މޯލްޑިވްސްއިން ވަނީ އެދިފައެވެ.

އެގޮތުން މޫދަށް އެރޭއިރު ހުސްފައިގައި ނޫޅުމަށާއި ބޫޓަށް އަރައިގެން އުޅުމަށް އޯޝަންހޯލިކް މޯލްޑިވްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އާދައިގެ ބޮއްޔެއް ފަދައިން ފެންނަ ވިހަގަދަ މި ކޯންސްނެއިލްއަކީ އޭގައި އިންނަ ދަތަކުން ވިހަ ދޫކުރާ އެއްޗެކެވެ. އަދި ކޯންސްނެއިލްގެ ބައެއް ވައްތަރުތަކަކީ އިންސާނާ ވާގި ނެތުމާއި އަދި މަރުވާހާ ވިހަގަދަ ވައްތަރުތަކެކެވެ.