ސަރުކާރުން އަޅަމުންދާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުގެ ދަށުން ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައި ތިބި މީހުންގެ ތެރެއިން، ވަޒީފާއިން ވަކިކުރި މީހުންގެ މައުލޫމާތު ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދައިފިއެވެ.
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވާފައި ވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު 'އެކްސް' ގައި ހިއްސާ ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.
އަދި އެ އަދަދަށް މީހުން ވަކިކޮށްފައިވާ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ދެއްވާފައި ވެއެވެ. އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރަކާއި 43 ޑެޕިއުޓީ މިނިސްޓަރަކާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ. ނަމަވެސް އޭރުވެސް އޭގެ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ދާދިފަހުން އަމިއްލަ ފަރާތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) އެއް ހުށަހަޅާފައެވެ. އޭނާ އެދިފައި ވަނީ އެ މީހުންގެ ނަމާއި، މުސާރައާއި މަގާމު އަދި އައްޔަން ކޮށްފައި ތިބި އިދާރާތަކުގެ މައުލޫމާތު ދިނުމަށެވެ.
އެ ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ، ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތު ކަމަށާއި އެ މުވައްޒަފުން ވަޒީފާ އަދާކުރި މިނިސްޓްރީތައް ހާމަކޮށްފިނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރެވިދާނެ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
"ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތަކަށް ވެފައި، އެ ފަރާތްތައް މަސައްކަތް ކުރެއްވި ވުޒާރާތަކުގެ ނަންތައް ހާމަކޮށްފިނަމަ، ޒާތީ މައުލޫމާތު ހާމަވެދާނެ ކަމަށް ގަބޫލުކުރެވޭތީ، އެ މުވައްޒަފުންގެ ނަމާއި، އެ ވުޒާރާތަކުގެ ނަންތަކުގެ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫން ކަމުގައި ދަންނަވަމެވެ" އާރްޓީއައި ޖަވާބުގައި ރައީސް އޮފީހުން ބުނެފައި ވެއެވެ.
ކޮންމެ ސަރުކާރެއް ވެސް ހިންގުމަށްޓަކައި ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަން ކުރެއެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް ސިޔާސީ މަގާމުތައް ހާހުން މަތިވެގެން ދިޔައެވެ. މި ސަރުކާރުގައި ވެސް ގިނަ ސިޔާސީ މުވައްޒަފުން އައްޔަން ކުރި ނަމަވެސް، ސަރުކާރުން ވަނީ އެކި ފަހަރު މަތިން މަގާމުގެ އަދަދުތައް ހާމަކުރުމަށް އުޒުރުވެރި ވެފައެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ހާމަނުކުރާތީ އެކިފަރާތްތަކުން ސަރުކާރަށް ފާޑު ކިޔާފައި ވެސް ވެއެވެ.