އިޒްރޭލުން ގާޒާގެ ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި ހިންގަމުން ގެންދާ އުދުވާނީ ސީދާ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް އިޒްރޭލު އާމީގެ ކުރީގެ ޗީފް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޯޝޭ ޔާލޯން ބުނެފިއެވެ.

ޔާލޯން ބުނީ އެ ޖަރީމާގެ ދަށުން އިޒްރޭލުން ހިންގާ އޮޕަރޭޝަންގައި ގާޒާގެ އުތުރުގައި މިހާރު އަރަބީންގެ އެއްވެއް މީހަކު ނުހުންނާނެ ކަމަށެވެ. އެއީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިންވެސް ބުނާ ވާހަކައަށް ވާ އިރު އިޒްރޭލުގެ އޮފިޝަލަކު އެވާހަކަ ދެއްކުމުން އެކަމަށް މާބޮޑަށްވެސް ބާރުލިބެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރެއް ކަމަށް ވާ ޔޯވް ގަލަންޓް ހައްޔަރު ކުރަން އައިސީސީން އަމުރު ނެރެފައި ވަނީ ވެސް ނަތަންޔާހޫ ހިންގަނީ ގަތުލުއާންމެއްކަން ސާބިތު ވެފައި ވާތީއެވެ.

އިޒްރޭލުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޔޯލާން ބުނީ، ނަތަންޔާހޫއާއި އޭނާގެ ކަނާތު ފިޔައިގެ ހަރުކަށި ލީޑަރުން ބޭނުންވަނީ ގާޒާގެ އުތުރުގައި ތިބި މުސްލިމުން ފަހާ ދުވެ އެމީހުން ވަޒަނުން ބޭރުކޮށް ނުވަތަ މަރާ ހުސްކޮށް އެތަނުގައި ޔަހޫދީ އާބާދީތައް ގާއިމު ކުރަން ކަމަށެވެ.

އޭނާ ބުނީ، އެތާނގައި ފޮރުވިގެން ހިންގަނީ ކޮންކަމެއްކަން ހާމަކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށާއި އެތާނގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

"އެތަނަށް ގަދަކަމުން އަރައި، އަމިއްލަ ކޮށް، އެތާ ތިބި މީހުން މަރާ ނަސްލު ނައްތާލުން ހިންގަނީ"

ނަސްލު ނައްތާލުމުގެ ވާހަކައަށް ބާރުލަމުން އޭނާ ބުނީ މިހާރު ބައިތް ލާހިޔާ އާއި ބައިތް ހަނޫން އެއް ނެތް ކަމަށާއި އެތާނގައި ދިރިއހުރި އެރަބީންގެ އެކަކުވެސް މިހާރު ނެތް ކަމަށެވެ.

ޔާލޯން އަކީ 2013 އިން 2016 އަށް ނަތަންޔާހޫގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރެވެ. ފާޅުގައި ނަތްންޔާހޫއަށް ފާޑު ކިޔާވެސް މީހެކެވެ.

އިޒްރޭލުގެ ގަތުލުއާންމާ ބެހޭގޮތުން ބައިނަލްއަގުވާމީ އެތައް ތަނެއްގައި އެތައްބަޔަކު އެވާހަކަ ދައްކަމުން ދާއިރު އެ ގަތުލުއާންމާ ބެހޭގޮތުން އިޒްރޭލުގެ އިސް އޮފިޝަލަކު މިހާ ތަފްސީލުކޮށް ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. މިވާހަކަތައް މިހެން ހުރި ނަމަވެސް އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުގެ އުދުވާން ގެންދަނީ ކުރިއަށެވެ. ގާޒާގެ އުތުރާއި ދެކުނު ވަކިކުރަން 2 ކިލޯމީޓަރުގެ ފުޅާ މަގެއް ކެނޑުމަށް ފަހު ގެއަކުން ގެއަކުން ވަދެ ގާޒާގެ އުތުރުގައި ތިބި ހުރިހާ މުސްލިމުން ދަނީ މަރަމުންނެވެ. އެ ސަރަހައްދުތަކަށް ނޫސްވެރިންނަށް ވެސް ނުވަދެވޭތީ، އެތާނގައި ހިންގާ ގަތުލުއާންމުގެ ފުޅާމިނެއް ސާފެއް ނުވެއެވެ.