އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ އެއްވަނައިގައި އޮތް ލިވަޕޫލްއާ ވާދަކުރި މެޗުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ތާވަލުގެ ފަސް ވަނައަށް ވެއްޓިއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ބޮޑު ބައި ކޮންޓްރޯލްކޮށް ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. ނަތީޖާއަކަށްވީ ލިވަޕޫލުގެ އަރިމަތިން މުހައްމަދު ސަލާހް އޭރިއާއަށް ތެރެއަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ލިވަޕޫލްގެ ކޯޑީ ގެކްޕޯ ލަނޑެއް ޖަހާ ޓީމަށް ލީޑު ނަގާ ދިނުމެވެ.

ގެކްޕޯ ވަނީ ބުދަ ދުވަހު ރިއާލް ކޮޅަށް ވެސް ލަނޑެއް ޖަހާފައި/ފޮޓޯ:އެކްސް

މެޗުގެ ފުރަތަަމަ ހާފް ނިމުނީ ސިޓީއަށް ރަނގަޅު އެންމެ ހަމަލާއެއް ވެސް ނުއުފެއްދިއެވެ.

ދެވަނަ ހާފްގައި ސިޓީން ކުޅުނު ރަނގަޅު ކުރި އިރު ލިވަޕޫލަށް އަދި ވެސް ނުރައްކާތެރި ފުރުސަތުތައް ލިބުނެވެ. މިގޮތުން މެޗުގެ ނަތީޖާ 2-0 އަށް ހަދަން ސަލާހް ރަނުގެ ފުރުސަތެއް ލިބުނު އިރު އޭނާ ފޮނުވާލި ޝޮޓު ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެން މެޗުގައި ލިބުނު ފުރުސަތުގައި ސަލާހް ލަނޑެއް ޖެހިއެވެ. އެއީ ސިޓީގެ ކީޕަރު އޮރަޓޭގާ ލިވަޕޫލުގެ ފޯވަޑް ލުއީސް ޑިއޭޒް އޭރިއާގެ ތެރެއަށް ވައްޓާލައިގެން ލިބުނު ޕެނަލްޓީއަކުން ސަލާހް ޖެހި ލަނޑެވެ. މިލަނޑާއެކު ސަލާހް މި ވަނީ މި ސީޒަންގައި މިހާތަނުގައި ދެވަނައަށް އެންމެ ގިނައިން ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ.

މިއީ ސަލާހް ލީގުގައި ޖެހި 10 ވަނަ ލަނޑު/ފޮޓޯ: އެކްސް

2-0 އިން ލިވަޕޫލު މޮޅުވެގެން މެޗު ނިމުނު އިރު މިއީ ސިޓީ ޖެހިޖެހިގެން ހަތަރު ލީގު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އެޓީމުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން 6 މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެފައިވާ އިރު މިއަދުގެ ނަތީޖާއާއެކު ސިޓީ މިވަނީ ތާވަލުގެ ފަސް ވަނައަށް ވެއްޓިފައެވެ.

ބަދަލުގައި މުޅި ސީޒަންގައި އަދި އެންމެ މެޗަކުން ބަލިވި ލިވަޕޫލު މިވަނީ ސިޓީއާ 11 ޕޮއިންޓް ދުރަށް ޖެހިލާފައެވެ. އަދި ދެވަނައިގައި އޮތް އާސަނަލްއާ ލިވަޕޫލާ ދެމެޗު ވެސް 9 ޕޮއިންޓް ފަރަގެއް އެބައޮތެވެ.