ސިޔާސީ ޕާޓީން ވަކިކުރުމުން އެ ޕާޓީއެއްގެ ސްލޮޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަމުންދާ މެންބަރުގެ ގޮނޑި ގެއްލޭގޮތަށް ފާސްކުރި އިސްލާހު ހިމެނޭހެން، ގާނޫނުއަސާސީ އަށް މިފަހުން ގެނައި އިސްލާހުތައް ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގެންފިއެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާ އާއި ހިލާފަށް ކަމަށެވެ. އަދި މި އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ އެ އިސްލާހު ބާތިލުކުރުމަށް އޭނާ ވަނީ ހުށަހަޅާފައެވެ.

ސިޔާސީ ޕާޓީން ވަކިކުރުމުން އެ ޕާޓީއެއްގެ ސްލޮޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަމުންދާ މެންބަރުގެ ގޮނޑި ގެއްލޭގޮތަށް ފާސްކުރި އިސްލާހާ ގުޅިގެން ގިނަ ބައެއްގެ ފަޑުކިޔުންތައް އަމާޒުވެފައިވާއިރު މީގެ ކުރިން އެމްޑީޕީ އިން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުމުގެ ވިސްނުމެއް ނެތްކަމަށް ބުނެފައެވެ.

އަލީ ހުސެއިން ސުޕްރީމަށް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެނެފައިވާއިރު، އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ ހުށަހަޅާފައެވެ.