މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި، ގައިދީންނާއި ބަންދު މީހުން އާއިލާ އާ ބައްދަލުކުރާ ގެ ފުރިހަމަ ކުރުމަށްފަހު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ހުޅުމާލޭ ޖަލުގެ އާއިލީ ބައްދަލުކުރާ ގެ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ، ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރު ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަހްމަދު ޖާދުﷲ، ހުޅުމާލެ ޖަލުގެ ސީނިއާ މެނޭޖްމަންޓް އާއި އެޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.

މީގެ ކުރިން ހުޅުމާލެ ޖަލުގައި އާއިލީ ބައްދުލުކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ފަހަރަކު އެއް އާއިލާއަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ކުޑަ ތަނެކެވެ. ނަމަވެސް މިއަދު ހުޅުވުނު ބައްދަލުކުރާ ގެއަކީ އޭސީކޮށް، ޖާގައިގެ ގޮތުން ތަނަވަސް އަދި ފަހަރަކު ތިން ފަރާތަކަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުގެ ފުރުސަތު ލިބިގެންދާނެ ގެއެއްކަމަށް ކަރެކްޝަންސް ސާވިސް އިން ވަނީ ބުނެފައެވެ. އަދި ބައްދަލުވުމަށް އާއިލާއާއެކު ޖަލަށް އަންނަ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ބައްދަލުކުރާ ގޭގައި ހާއްސަ ކިޑްސް ކޯނާ އެއް ގާއިމުކޮށްފައިވާނެކަމަށް ކަރެކްޝަންސް ސާވިސްއިން ވަނީ ބުނެފައެވެ

މީގެ އިތުރުން، ކަރެކްޝަންސްއިން ބުނީ ބައްދަލުކުރާ ގެއާއެކު އިންވެގެން އޭސީކޮށްފައިވާ ވެއިޓިން ރޫމްއެއް ވެސް ގާއިމްކޮށްފައިވާކަމަށެވެ. އަދޮ މި ވެއިޓިން ރޫމް ބޭނުންކުރެވޭނީ އާއިލާއިން ބައްދަލުކުރުމަށް އަންނަ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށްކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

އިތުރަށް ކަރެކްޝަންސް އިން ބުނީ މި ބައްދަލުކުރާގޭގެ ސަބަބުން، ގައިދީންނަށާއި ބަންދުމީހުންނަށް ފޯރުކޮށްދެވޭ އާއިލީ ބައްދަލުވުމުގެ އަދަދު 100 އިން ސައްތައަށް އިތުރުވެގެންދާނެކަމަށެވެ.