ބޮޓްސްވާނާ އިންޓަނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ފައިނަލުގައި ރާއްޖޭގެ އެއްމާބަނޑު ދެބެން ކަމަށްވާ އާމިނަތު ނަބީހާ އަބްދުރައްޒާގާއި ފާތިމަތު ނަބާހާ އަބްދުރައްޒާގް ހޯދި ފަހުރުވެރި ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރުމަށް ނަބީހާ އާއި ނަބާހާ ހޮވުމާއެކު، ޗެންޕިއަންކަމާއި ރަނަރަޕްކަންވެސް ރާއްޖެއަށް ކަށަވަރު ވެފައިވާކަމަށެވެ.
ރައީސް ވިދާޅުވީ މި މުބާރާތުގައި 2 ގޯލްޑް މެޑެލްއާއި، 2 ސިލްވާ މެޑެލްގެ އިތުރުން 4 ބްރޯންޒް މެޑެލް ކަށަވަރުކޮށް ދިވެހި ކުޅުންތެރީން ދައްކަމުންދާ މޮޅު ކުޅުމަށްޓަކައި ފަހުރުވެރިވާކަމަށާއި، މި ޝަރަފް ރާއްޖެއަށް ހޯދަައިދިން ދެބެއިންނަށާއި މުޅި ދިވެހި ޓީމަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
މުބާރާތުގައި އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފެނިގެންދިޔައީ އަންހެން ސިންގަލްސް ފައިނަލުގައި ނަބާހާ ހޯދީ ރަން މެޑެލްއެވެ. އެއާއެކު އަންހެން ސިންގަލްސްގެ ރިހި މެޑެލް ލިބުނީ ނަބީހާއަށެވެ. ރިވައިވަލް ސްޕޯޓްސްއިން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެއްމާބަނޑު މި ދެބެއިންގެ ފައިނަލް ނަބާހާ ކާމިޔާބުކޮށްފައިވަނީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު ނަބާހާ 22-20 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓު 21-14 އިން ނަބީހާ ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ފަހު ސެޓު ނަބާހާ ކާމިޔާބުކުރީ 21-15 އިންނެވެ.
މި މުބާރާތުގައި ދެން މެޑެލް ހޯދާފައިވަނީ މިކްސް ޑަބަލްސް އިންނެވެ. އެގޮތުން މިކްސް ޑަބަލްސް ކެޓެގަރީން ރިހި މެޑެލް ހޯދާފައިވަނީ ނަބާހާ އާއި ޒަޔާން ޝަހީދު ޒަކީގެ ޕެއާއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރުހުން ލިބިފައިވާ މުބާރާތަކުން މި ޕެއާ ހޯދި ފަސްވަނަ މެެޑެއްޔެވެ.