މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށް ގެންދިޔަ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ދިވެހިރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.
މި މަހުގެ 25-27 އަށް މެލޭޝިއާގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން މުބާރާތުގައި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ވަނީ ޑަބަލްސް ކެޓެގަރީގެ ތިން އިވެންޓުން ރަން މެޑަލް ހޯދާފައެވެ. ރަން މެޑަލް ހޯދާފައިވަނީ އަންހެން ޑަބަލްސް އިން އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އަށެވެ. އަދި ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ރަން މެޑަލް ހޯދާފައިވާއިރު މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ރަން މެޑަލް ހޯދާފައެވެ.
މީގެއިތުރުން ރިވައިވަލްގެ ކުޅުންތެރިން ވަނީ ތިން ބްރޯންޒް މެޑަލް އާއި ރިހި މެޑަލް އެއްވެސް ހޯދާފައެވެ. އެގޮތުން ބްރޯންޒް މެޑަލް ހޯދާފައިވަނީ ފިރިހެން ސިންގަލްސްގައި ނިބާލް އަދި އަންހެން ސިންގަލްސް އިން ނަބީ އަދި މިކްސްޑް ޑަބަލްސް އިން ނަބީ އާއި ނިބާލްގެ ޕެއާއެވެ. ރިހި މެޑަލް ހާސިލުކޮށްފައިވަނީ އަންހެން ސިންގަލްސް އިން ނަބާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން މި ވަގުތު ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގައި އޮތުމުން ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ބީޑަބްލިއުއެފް އިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެއެވެ. އެއާއެކު ރާއްޖޭގެ ކުޅުންތެރިންނަށް މިވަގުތު ކުޅެވޭނީ ބީޑަބްލިއުއެފް ލެވަލް ނޫން މުބާރާތްތަކުގައެވެ. ބީޑަބްލިއުއެފް އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑު ކުރީ އެ އެސޯސިއޭޝަން އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން ޓީމާ އެކު މުބާރާތުގައި މަސައްކަތް ކުރި ކޯޗު ނަޝްފާން މުހައްމަދު ވިދާޅުވީ ސަސްޕެންޝަންގައި އޮތް މިފަދަ ދަނޑިވަޅެއްގައި ލިބުނު ފުރުސަތެއްގައި މި މުބާރާތުން ރިވައިވަލްގެ ކުޅުންތެރިން ހޯދާފައިވަނީ ރަނގަޅު ކާމިޔާބީތަކެއް ކަމަށާއި، މިއީ ރާއްޖޭގެ ބެޑްމިންޓަނަށް ލިބިގެންދިޔަ އުންމީދެއް ކަމަށެވެ.