މީގެ ޒަމާންތަކެއް ކުރިން އަބަދުވެސް ބުނާ އަޑު އިވެއެވެ. ދިވެހި ބަހަކީ ދިވެހިންގެ ފަހުރެވެ. އެހެންނަމަވެސް ޒަމާނަށް އައި ބަދަލާއެކު، ދިވެހި ބަހުން ވާހަކަދައްކާ މީހުން ހާއްސަކޮށް ކުޑަކުދިންގެ އަދަދު އަންނަނީ މަދުވަމުންނެވެ. ދިވެހި ބަހާއި އިނގިރޭސި ބަސް މަސް ހުނިކޮށް ވާހަކަ ދެއްކުމަކީ ތަހުޒީބު މުޖްތަމައެއްގެ ފެޝަނެއްކަމުގައި ދެކެން ފެށި ހިސާބުން ދިވެހިބަސް 'މަރުވެދާނެ' ކަމުގެ ނިޝާންތައް އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް މިއި ދިވެހި ގައުމާއި ދިވެހި ބަސްދެކެ ލޯބިވާ އެއްވެސް ދިވެހި ދަރިއަކަށް ބަލަން ކުޅަދާނެ މަންޒަރެއް ނޫނެވެ.

އައްޑޫ ސިޓީ ފޭދޫ އަށް އުފަން އާމިނަތު ރައުފާ މިފަދަ ދިވެހި ދަރިއެކެވެ. މިހާރު ފޭދޫ ސްކޫލުގެ ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ރައުފާއަށް ދިވެހި ބަހާއި، އައްޑޫ ބަހުރުވަ ނިކަމެތިވަމުންދާ ކަމުގެ އިހްސާސް ކުރެވުނީ 2015 ވަނަ އަހަރު މަރަދޫ ސްކޫލުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރުއެވެ. އޭރު ކީސްޓޭޗް އެކެއް އަދި ދޭއް ގެ ކުދިންނަށް ކިޔަވައިދިނުމުގައި އުޅުނު އިރު ރައުފާއަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ އެ އުމުރުގެ ކުދިންނަށް ދިވެހި ބަހާއި، ބަސްކޮށާރު ނޭގޭކަމަށެވެ. "އާންމުކޮށް ކާ ތަރުކާރީ މޭވާ ކަހަލަ ތަކެތީގެ ނަންވެސް ގިނަ ކުދިންނަށް ނޭގޭކަން ފާހަގަކުރެވުނު. އަދި ކުދިންނަށް އިނގިރޭސި ނަންތައް ދަސްކޮށް އިނގިރޭސި ބަހުން ވާހަކަދައްކަން މަސައްކަތްކުރާ ކަންވެސް ފާހަގަކުރެވުނު. އެހާ ހިސާބުން އަމިއްލަ ބަހާއި މެދު ވިސްނާލެވުނީ" ދިވެހި ބަސް ކިޔަވައިދިނުމުގެ ދާއިރާއިން ޑްގްރީ ހަދަން ރައުފާ ވިސްނި އެންމެ ބޮޑު އެއް ސަބަބު ހާމަކުރަމުން އޭނާ ބުންޏެވެ.

އާމިނަތު ރައުފާ

އެހާ ހިސާބުން ފެށިގެން ދިޔައީ ރައުފާ އާއި ދިވެހި ބަހާއި ދެމެދު އުފެދުނު ވަރުގަދަ ގުޅުމެވެ. ކިޔެވުމުގެ ތެރޭގައި އެސައިމެންޓްތަކަށް ބޭނުންވާ މައުލޫމާތު ހޯދަން ބަހާއި ގުޅުން ހުރި ލިޔެކިޔުންތައް ކިޔަން ފެށުނެވެ. ކްލާހުގައި ކުދިންނާއި އެއްކޮށް ހޭދަކުރާ ވަގުތު ތަކުގައި އެކުދިންގެ ވާހަކަތައް އަޑުއަހުމުން ބަސްކޮށާރާ ބަސް އެނގޭ މިންވަރުގެ ކުޑަވަރެއްގެ ދިރާސާއެއް ފެށުނެވެ. އައްޑޫ ބަހާއި މަދަރީ ބަސް އެގެން ޖެހޭ މިންވަރަށް ކުދިންނަށް ނޭގޭކަން ފާހަގަކުރެވި ކުދިންގެ ބަސްކޮށާރު މިހާ ނިކަމެތިވި ސަބަބަކީ ކޮބައިތޯ ބަލަން ރައުފާ ބޭނުންވިއެވެ.

އާމިނަތު ރައުފާ

ގޭގައި އުޅޭ އިރު ގިނަ ކުދިން ވާހަކަ ދައްކަނީ އިނގިރޭސި ބަހާއި ރަސްމީ ދިވެހި ބަސް މަސްހުނިކޮށްގެން ކަމުގައި ގިނަ ކުދިން ބުނެފައިވެއެވެ. އަދި އައްޑޫ ބަހުރުވައިން ވާހަކަދެއްކުމަށް ބައެއް މައިންބަފައިން ބޭނުން ނުވާކަންވެސް އެނގިގެން ދިޔައެވެ. "އައްޑޫގެ ބައެއް އާއިލާތަކާއި ސްކޫލްތަކުގެ ބައެއް ޓީޗަރުންވެސް އައްޑޫ ބަހުރުވައަކީ ހުތުރު ބަހުރުވައެއްގެ ގޮތުގައި ސިފަކުރޭ. އަދި ދިވެހި ބަހަކީ މާދަރީ ބަހަށް ވުމާއެކު އެ ބަހަށް މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ކުދިންނަށް ބަސް އެނގޭނެ ކަމަށް ބައެއް ބެލެނެވެރިން ގަބޫލުކުރޭ" ބަހަށް ނިކަމެތިކަން ލިބުނު ބައެއް ސަބަބުތައް ހާމަކުރަމުން ރައުފާ ބުންޏެވެ. ދިވެހި ބަސް މިސްރާބު ޖަހާފައިވަނީ ގޯސް ދިމާލަކަށް ކަން އެނގުމުން ފަރުދީ ގޮތުން ބަސްކުރިއެރުވުމަށް ރައުފާ މަސައްކަތް ފެށީ މިއީ ވަރަށް ބޮޑު ގޮންޖެހުންތަކާއި ކުރިމަތިވާނެ މަސައްކަތެއްކަން އެނގިހުރެއެވެ.

އާމިނަތު ރައުފާ

އެހާ ހިސާބުން ބަހުގެ މުހިއްމުކަމާއި ބަހުގެ ހާލަތާއި ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ރައުފާ ފެށިއެވެ. މީސް މީޑިއާގައި ކުރަން ފެށި މަސައްކަތާއެކު ފޭސްބުކް ގުރޫޕްތަކާއި، އައްޑޫ ބަސް އޮޅި، ބަސްޖަގަހައިގައި ދިވެހި ބަހަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އިނގިރޭސީން ލިޔެފައިވާ ކޯޓްސްތައް ދިވެހި ބަހާއި އައްޑޫ ބަހަށް ތަރުޖަމާކޮށް ފޭސްބުކްގައި ރައުފާ ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އޭރު ރައުފާ މަސައްކަތްކުރަމުން ދިޔަ އޭއޯ ނިއުސްގައި ރިޕޯޓްތަކާ، ޅެމާއި، ބަނދި އަދި އައްޑޫ ބަހުރުވައިން ރިޕޯޓްތައްވެސް ގެނެސްދެވުނެވެ. އައްޑޫ ބަހުރުވައާއި ރަސްމީ ދިވެހި ބަސް އަޅާ ކިޔާލުމުން ބަހުގެ ގަވައިދުގެ ތަފާތުތައް ރައުފާއަށް ފާހަގަކުރެވުނެވެ. އައްޑޫ ބަހުރުވައިން ލިޔެފައި ހުންނަ ލިޔުންތައް ކިޔާލުމުން އެކުރެވޭ އިހްސާސާއެކު އެނގިގެން ދިޔައީ އައްޑޫ ބަހުރުވައަކީވެސް މުޅިން މިނިވަން ބަހުރުވައެއްކަން. އެހާ ހިސާބުން އައްޑޫ ބަހުރުވަ ކުރިއަރުވާ، އެ ބަހުގެ ހައްގުގައިވެސް މަސައްކަތް ފެށީ" ރައުފާ ބުންޏެވެ. މި މަސައްކަތުގެ ނަތީޖާވެސް ރަނގަޅުކަމުގައި ރައުފާ ވަނީ ފާހަގަކޮށްފައެވެ. ކުރިން އައްޑޫ ބަހުރުވައިން ހުންނަ ލިޔުންތަކާއި ސްޓޭޓަސްތައް މަދު ނަމަވެސް މިހާރު އެކަން އަންނަނީ މަޑުމަޑުން ވައިގައި ހިފަމުން ކަމަށް ރައުފާ ބުންޏެވެ.

އާމިނަތު ރައުފާ

ބަސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް ރައުފާ ބުނީ ސްކޫލު ކުދިންނަށް އިބްތިދާއީ މަރުހަލާގައި އުނގަންނައިދޭ އިރުޝާދީ ބަހަކީ ދިވެހި ބަސްކަމުގައި ހަދަންޖެހޭކަމަށެވެ. އަދި 'ބަހުރުވައޭ' މިހާރު މިކިޔާ އައްޑޫ، ހުވަދޫ އަދި ފުވައްމުލަކު 'ބަހުގެ' ގަވައިދުގެ ތަފާތު ގައުމީ ފެންވަރުގައި ދިރާސާކޮށް އެ ބަހުރުވަ ލިޔުމުގައި އަދި ބޭނުންކުރުމުގައިވެސް ރަސްމީ ގަވައިދެއް ހަދަންޖެހޭ ކަމުގައި ރައުފާ ބުންޏެވެ. މީގެ އިތުރުން ދިވެހި ބަސް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓީޗަރުންގެ އަދަދު އިތުރުކޮށް ލިޔުންތެރިކަން އިތުރުކުރަން ޖެހޭކަން އޭނާ ފާހަގަކުރިއެވެ. ބަހަކީ ފަންނިޔަތާއި ރައްޓެހި އެއްޗަކަށް ހެދުން މުހިއްމުކަން ފާހަަގަކޮށް ރައުފާ ބުނީ އިނގިރޭސި ބަހުގެ ސަބަބުން ދިވެހި ބަހަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ފިޔަވަޅުތައް އަޅާ ބަސް މަސްހުނިކޮށްގެން ވާހަކަދެއްކުން ހުއްޓާލަންޖެހޭކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ރަސްމީ ލިޔުންތަކުގައި ދިވެހި ބަސް ބޭނުންކުރަންޖެހޭކަމަށެވެ. ދިވެހި ބަސް އުނގަންނައި ދިނުމުގެ ބުރަކަމާއެކު ޓީޗަރުންގެ އަދަދުވެސް މަދުކަން ފާހަގަކޮށް ރައުފާ ބުނީ ގޮންޖެހުންތަކާއެކުވެސް ބަސް ކުރިއެރުވުމަށް މަސައްކަތް ކުރާ ހިދުމަތްތެރި މީހުން ފެނުމުން އުފާވާކަމަށެވެ. އެގޮތުން އާ ނަލަ ދިވެހި ފޮންޓުތައް އުފެއްދުމާއި މޮބައިލް ފޯނުން ދިވެހި ބަސް ލިޔެވޭ ގޮތް ހެދުމުގެ އިތުރުން އޭއައި ޓެކްނޮލޮޖީއަށް ދިވެހި ބަސް ތައާރަފުކުރުމަކީ ލިބުނު ކުރިއެރުމެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.

އާމިނަތު ރައުފާ

ބަސްކުރެވުމަށް މަސައްކަތްކުރުމާއި ޓީޗަރެއްގެ ވަޒީފާ އަދާކުރުމުގެ އިތުރުން ރައުފާ އަކީ އައްޑޫ ސިޓީގައި ފާހަގަކޮށްލެވޭ މޮޅު ބެޑްމިންޓަން ކުޅުންތެރިއެކެވެ. ސްކޫލުގައި އުޅުނު ދުވަސްވަރު ފާސްވުމުން ބައްޕަ ހަދިޔާއަކަށް ދިން ބެޑްމިންޓަން ރެކެޓާއި އެކު އޭރު ރައުފާ ކުޅުނީ ދައްތަ އާއި އަވައްޓެރިކުދިންނާއެކު މަގުމަތީގައެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓިފައި އޮތުމަށްފަހު މަރަދޫ ސްކޫލުގައި ބޭއްވި ޓީޗަރުންގެ ބެޑްމިންޓަން މުބާރާތާއެކު އަނެއްކާވެސް ރައުފާގެ ހުނަރު ދައްކާލިއެވެ. އައްޑޫ ބެޑްމިންޓަން ކްލަބުން ބޭއްވި އެ މުބާރާތުގައި ރައުފާގެ ކުޅުން ފެނި ބައެއް މީހުންގެ ފަރާތުން ލިބުނު ހިތްވަރާއެކު އަދި އެ ދުވަސްވަރު ކޮލެސްޓްރޯލް މަތިވެ އަމިއްލަ ސިއްހަތަށްވެސް ފައިދާ ހުރި ކަމެއް ކުރުމުގެ ބޭނުމުގައި ރައުފާ ފެށި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅެވެ. ރައުފާއަކީ މިހާރު އައްޑޫ ސިޓީގައި ފާހަގަކޮށްލެވޭ މޮޅު ބެޑްމިންޓަން ކުޅުންތެރިއެކެވެ. އަބަދުވެސް ކުޅިވަރު ކުރުމާއި، އިޖްތިމާއީ ކަންކަމަށް ލޯބިކުރާ ރައުފާ މިހުރިހާ ކަމެއް ކުރުމަށް ވަގުތު ދޭން ބޭނުންވެއެވެ. އެހެންނަމަވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށް އާއިލީ ޒިންމާތައް އުފުލުމާއެކު 'ޓައިމް މެނޭޖް' ކުރުމަކީ އޭނާއަށް އަދިވެސް އެންމެ އުދަގޫއެއްކަމެވެ.