ބެޑްމިންޓަން އެސޯސިއޭޝަން ވަގުތީގޮތުން ހިންގަން ކުޅިވަރުގެ ގައުމީ މަޖިލީހާ ހަވާލުކޮށްފިއެވެ.
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް 'އެކްސް'ގައި ލިޔުއްވި ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަނުގެ އާ ހިންގާ ކޮމިޓީ އިންތިހާބުކުރަން ޖެހޭ މަސައްކަތް މިހާރު ވާނީ ފެށިފައެވެ.
އޭނާ ލިޔުއްވި ގޮތުގައި، އާ ހިންގާ ކޮމިޓީ އިންތިހާބުކުރެވެން ދެން ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގުން ވާނީ ކުޅިވަރުގެ ގައުމީ މަޖިލީހާ ހަވާލުކުރެވިފައެވެ.
"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގުން ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ގައުމީ މަޖިލިސް) އާއި ހަވާލު ކުރުމަށް ނިންމާ، އެކަން އެ އެސޯސިއޭޝަނަށް މިއަދު ވާނީ އަންގާފަ،"
2020 ވަނަ އަހަރު އިންތިހާބުކުރި ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެހެންވެ އާ ހިންގާ ކޮމިޓީއެއް އިންތިހާބުކުރުމަށް އެ އެސޯސިއޭޝަނުން މަސައްކަތްކުރި ނަމަވެސް، އިންތިހާބުގައި ވޯޓުދޭ މެންބަރުންގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އެންގީ އެސޯސިއޭޝަންގެ އަސާސީ ގަވައިދު އިސްލާހުކުރުމަށް ފަހު ނޫނީ އިންތިހާބު ނުބޭއްވުމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު މިދިޔަ މަހު އިސްތިއުފާ ދެއްވާފައި ވެއެވެ.