ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހުތަކާއި ގުޅިގެން ސުޕްރީމް ކޯޓަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އިއްޔެ ސަރުކާރުން ވަނީ ގާނޫނުއަސާސީއާ ވަރަށް ބޮޑަށް ހިލާފުވެފައި ކަމަށެވެ. އެކަމުގެ ސަބަބުން ގާނޫނުއަސާސީ މިހާރު އޮތްގޮތަށް ބަލާއިރު މުޅި މަފްހޫމް ބިނާވެފައިވާ ކަންތައްތަކާ ވެސް ތައާރުޒުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އިއްޔެ ގާނޫނަށް ގެނެސްފައިވާ ބަދަލުގައި ބަޔާންކޮށްފައިވާ ގޮތަށް މެންބަރެއްގެ ގޮނޑި ގެއްލޭއިރު، އޭގެ ޑިއު ޕްރޮސެސްއަކާ އެ އެޕީލްކުރެވޭނެ ގޮތްތަކެއްވެސް ގާނޫނު އަސާސީގައި ލިޔެވެން ޖެހޭނެކަމަށެވެ. އަދި ވަކި ކަހަލަ ކަންތައްތަކެއްގައި މެންބަރުން ނިންމާ ނިންމުންތައްވެސް އޮންނަންޖެހޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހުތަކާ މެދު އެމްޑީޕީއިން ކަންބޮޑުވުންފާޅުކުރި ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ ވިސްނުމެއް ނެތްކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ކަންތައްތަކަށް ދެން އޮތް ބާރު ވަންނަން ނުޖެހޭ ގޮތަކަށް އެކަން ބައްޓަންވުމަށް އެމްޑީޕީއިން ބޭނުންވާކަން ހާމަކޮށް ފައްޔާޒު ވިދާޅުވީ އެންމެ ފަހުގެ ކަންކަން ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި އެކަންކަމާ ގުޅޭގޮތުން 'ކަމުވޮށިގެންވާ' މީހުން ވިސްނަމުން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.