ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކާޑުގެ ބަދަލުގައި ކޮންމެ ގޭބީސީއަކަށް އަންނަ ރޯދަމަހު މަހު ހިލޭ މަސްދަޅު ކޭހެއް ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ރޯދަމަހު 82 ހާސް ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ފޯރުކޮށްދެވުނު ކަމަށެވެ. އެގޮތުން މި އަހަރު ސަރުކާރުގެ ހަރަދުގައި ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކޮށްފައިވާއިރު މިއީ ރޯދަމަހާ ދިމާކޮށް ހަނޑުލާއި ފުށް ބެހި ފުރަތަމަ ފަހަރެވެ.

މީގެއިތުރުންވެސް މި ރަސްމިއްޔާތުގައި ރައީސް ވަނީ ސަރުކާރަށް 1 އަހަރު ފުރުން އިރު މިހާތަނަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބެހެއްޓިގެން ދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސިއްހީ ދާއިރާއަށް ވެސް ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އީ- ސިގިރޭޓު ރާއްޖެ އެތެރެ ކުރުން މަނާކޮށް، ސިގިރޭޓަށް ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރުން މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި އެއާ އެމްބިއުލެންސްގެ ހިދުމަތްވެސް ފަށާފައިވާކަމަށާއި، ބޭހުގެ ބަލްކް ޕްރޮކިއުމެންޓް ސިޔާސަތުވެސް ތަންފީޒުކުރެވުމުގެ އިތުރުން އާސަންދަ ރިފޯމްކުރުން ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.