ޓޫރިސްޓު ފެސިލިޓީޓަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ޓޫރިޒަމް ސިނާއަތުގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ ބައްދަލުވުމެއް ބާއްވަން އެދިއްޖެއެވެ.

މިކަމަށް އެދި ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމްއެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރުކުރުން އެ ގަވާއިދުގެ ދަށުން ލާޒިމުކޮށްފައިވާތީ އެކަމާ ގުޅިގެން ޓޫރިޒަމް ސިނާއަތުގައި ނުހަނު ކަންބޮޑުވުން އޮތްކަން މެންބަރު މުހައްމަދު އިބްރާހިމް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މި ބަދަލު ގެނައުމުގެ ކުރިން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއެކު އެމްއެމްއޭއިން ބޭއްވި ބައްދަލުވުންތަކުގައި ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ބޭންކަށް މާރުކުރާ ގޮތަށް ހަމަޖެއްސުމުގެ ފޯމިއުލާތަކެއް އެމްއެމްއޭއިން ހުށަހަޅައި، ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ހުށަހެޅި ކަންކަން އެ އޮތޯރިޓީއިން ބަލައިގެންފައި ނުވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް (މަތީ)އިން ހާމަކޮށްފައިވާކަން ވެސް މެންބަރު މުހައްމަދު އިބްރާހިމް ފާހަގަކޮށްފައިވެއެވެ.

ގިނަ ރިސޯޓުތަކެއް ހިންގާ ފަރާތެއް ކަމުގައިވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް އެ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ބުނެ އެމްއެމްއޭއަށް ސީޓީ ފޮނުވާފައިވާކަމާއި އެ ގަވާއިދު ވަގުތުން ވަގުތަށް އުވާލުމަށާއި ދުރު ރާސްތާގައި އިގްތިސޯދަށް ފައިދާ ކުރާނެ ނިޒާމެއް ގާއިމް ކުރުމަށާއި އެ މަސައްކަތުގައި ޓޫރިޒަމް ސިނާއަތުގެ ބައިވެރިވުން އިތުރުކުރުމަށް އުއްޗުގެ ސިޓީގައި ގޮވާލާފައިވާ ކަމަށް މުހައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ ޓޫރިޒަމް ސިނާއަތަކީ ރާއްޖޭގެ މުހިންމު ސިނާއަތެއް ކަމަށް ވާއިރު، މިފަދަ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ނުބަލާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

އެ ގަވާއިދާ އަދި އެގަވާއިދާ ގުޅޭ ގޮތުން މިހާތަނަށް ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށާއި ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުން ދެނެގަތުމަށްޓަކައި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އާންމުކޮށް ހުޅުވާލައިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއިން އެ ފަރާތްތަކުގެ އަޑު އެހުމުގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށްދިނުމަށް މުހައްމަދު އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ.