ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުން މިހާރު ބާއްވަމުންދާ ޖަލްސާތަކަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގަމުންދާ ޖަލްސާތަކެއް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕާލިމެޓްރީ ގުރޫޕުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ ދައުރު ނިންމާ ޗުއްޓީގައި އޮއްވައި، ދައުރުން ބޭރުން އިއްޔެ ޖަލްސާއެއް ބާއްވާފައިވާއިރު މިއަދު ވެސް ޖަލްސާއެއް އެބަ ކުރިއަށް ދެއެވެ. މި ޖަލްސާތަކުގެ އެޖެންޑާގައި ހިމަނާފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕްކުރުމަށް މަގުފަހިވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމެވެ.

މި ޖަލްސާތަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ) އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު މަޖިލީހުން ބާއްވާ ޖަލްސާތަކަކީ، ގާނޫނު އަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޖަލްސާތައް "ބޮއިކޮޓް" ކުރުމަށް ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ.

މި ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އެކަށީގެންވާ ނޯޓިސްއެއް ދިނުމަކާ ނުލައި، ގާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާގެ އިމުން ބޭރުން ޖަލްސާތައް ބޭއްވުމެވެ. އަދި މިފަދައިން އަމަލު ކުރަމުންދަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތަކެއް، އެއްވެސް މަޝްވަރާއެއް ނެތި އަވަސްއަރުވާލައިގެން ފާސްކުރުން ކަމަށް ވެސް ކުޑޫ ތުހުމަތުކޮށްފައި ވެއެވެ.

އަދި މިވަގުތަކީ ރާއްޖޭގައި އެއްވެސް ކަހަލަ ދުސްތޫރީ ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ވަގުތެއް ނޫން ކަން ފާހަގަ ކޮށް އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަންދޫބުންގެ ފުރިހަމަ ބައިވެރިވުމެއް ނެތި، ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ކުރިއަށް ގެންދާ މި ޖަލްސާތަކަކީ ރައްޔިތުންނަށް ލިބިދީފައިވާ ތަމްސީލުވުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް ހަމަޖައްސަންވާނެ އެވެ.

އެ ދަުއުރުގެ ފަހު ޖަލްސާ ބޭއްވުމަށްފަހު ދެ މަސް ދުވަހުގެ ޗުއްޓީއަށް މަޖިލީހުން ގޮސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.