ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާކަމަށް ބުނެ، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅި މި މައްސަލަ ބޭރުކޮށްލީ 36 މެންބަރުންގެ ވޯޓާއެކުގައެވެ. މި މައްސަލަ ކުރިއަށް ގެންދިއުމަށް ވޯޓު ދިނީ 11 މެންބަރުންނެވެ. މި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން މުހައްމަދު އިބްރާހީމް ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން ރައްޔިތުންގެ މަޖިލީހަށް ގަބޫލެއް ނުކުރެވުނު ކަމަށެވެ.

މިއަދު ގެ ޖަލްސާއަށް މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ ރާއްޖޭގައި ޑޮކްޓަރީ ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ގިނަވެފައިވާކަމަށެވެ. މީގެ ކުރިން އާސަންދައިން ލިބެމުންދިޔަ ބޭސްތައް ދިނުން އާސަންދައިން ހުއްޓާލިފަހުން ފާމަސީތަކުން އަމިއްލައަށް ގަންނަން ބޭސް ލިބުނު ނަމަވެސް، މިހާރު ބޮޑު އަގުގައި ގަންނަންވެސް ބޭސް ނުލިބޭ ކަމަ އޭނާ ވިދާޅުވިއެވެ.

ބޭސް ސިޓީއަށް ބޭސް ނެގުމަށް އެތައް ފާމަސީއަކަށް ގޮސްގެންވެސް ބޭސް ހަމަނުވާކަން ފާހަގަކޮށް މުހައްމަދު އިބްރާހީމް ވިދާޅުވީ ބައެއް ބޭސްތައް އެއްގޮތަކަށްވެސް ނުލިބޭ ކަމަށެވެ. މިކަމުގެ ސަބަބުން ބޮޑެތި ބަލިތަކާއި ދާއިމީ ބަލިތަކަށް އަދި ނަފްސާނީ ބަލިތަކަށާއި އުމުރުން ދުވަސްވީ މީހުންނާ، މާބަނޑު މީހުން އަދި ކުޑަކުދިންނަށް ދޭ ހާއްސަ ބޭސްތައް ހުސްވެފައިވާތާ އެތައް ދުވަހެއްވެއްޖެ ކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ.

މިއީ އަނެއްކާވެސް ބޭސް ސިޓިއަށް ސަލާންޖެހުންކަން ސިފަކުރައްވަމުން މުހައްމަދު އިބްރާހީމް ވިދާޅުވީ މުހިންމު ބޭސްތައް ގަނޑުކޮށް ގެނައުމަށްޓަކައި ކުރީ ސަރުކރާުން ޔޫއެންޑީޕީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްގެން ފެށި 'ބަލްކް ޕްރޮކިއުމަންޓް' ގެ ނިޒާމުވެސް މި ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށެވެ.

ރައްޔިތުންނަށް ބޭސް ލިބުމުން މިހާބޮޑަށް ދަތިވެފައިވަނީ އާސަންދަ ރިޕޯމްކުރުމުގެ ނަމުގައި ރޭވުންތެރިކަމެއް ނެތި ސަރުކާރުން ނިންމި ނިންމުންތަކެއްގެ ސަބަބުންކަމަށް މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއީ ސަރުކާރުން ޔޫރަޕުގެ މޮޅު ބޭސް ގެންނާނެކަމަށް ބުނެ، ބޭސް އެތެރެކުރާ ފަރާތްތަކާއި ދެކޮޅަށް ވާހަކަދައްކުމަށް ފަހު ރާއްޖެއަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބޭސް އެތެރެކުރުމަށް ވެސް ސަރުކާރުން ނުކުޅެދުމުގެ ސަބަބުން ބޭހުގެ ބާޒާރަށް އައިސްގެން އުޅޭ ހުސްކަމެއް ކަމަށެވެ.