ބޭސް ލިބުން ދަތިވާ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އާސަންދަ އަދި އެސްޓީއޯގެ ކަމާބެހޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންދިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި މި ސިޓީގައި މުހައްމަދު އިބްރާހިމް ވިދާޅުވީ ވޭތުވެދިޔަ އަހަރުން ފެށިގެން ޑޮކްޓަރުން ދޭ ބޭސް އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބުމުގެ އިތުރުން އެފަދަ ބޭސް އެސްޓީއޯއިން ގަންނަން ނުލިބޭ މައްސަލަ އާންމުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ކަމަށެވެ.
އެގޮތުން އެންމެ ކަންބޮޑުވާ ކަމަކަށް ވަނީ ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށްވެސް ރާއްޖޭ ނުލިބޭ މައްސަލަ ކަމަށާއި ހާއްސަ ގޮތެއްގައި އުމުރުން ދުވަސްވީ މިހުންނާއި އަދި ދިގުމުއްދަތަކަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭސް ނުލިބޭކަން ފާހަގަކުރެވޭ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވީ ޑޮކްޓަރު ލިޔެދެއްވާ ބޭހުގެ ޑޯސޭޖް ހަމައަށް ނުލިބުމުގެ މައްސަލަވެސް މިހާރު އާންމުވެފައިވާ ކަމަށެވެ. އަދި ދާއިމީގޮތެއްގައި ބޭސްކާންޖެހޭ މީހުންގެ ތެރެއިން ހަކުރުބަލި، ކެންސާ އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ބޭސްތައް ލިބޭނެ އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތަކެއް ކަމަށް އޭނާ ވިދާޅުވުއެވެ.
މިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިގޮތަށް ހިނގި ކަމެއް ނޫން ކަމަށާއި ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ވެސް ބޭސް ލިބުން މިހާ ދަތިނުވާ ކަމަށް މުހައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައަކީ އެކިފަހަރު މަތިން ރައްޔިތުންގެ މަޖިލީހަށް މައްސަލަތައް ހުށަހެޅި އެކަމާ ބެހޭގޮތުން އެއްވެސް ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމުގެ އިތުރުން އެއްވެސް ހައްލެއްގެނެވިފައިވާ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
މުހައްމަދު އިބްރާހިމް ވަނީ ބޭސް ފަދަ އަސާސީ ހިދުމަތްތަކަށް މިފަދަ ލޮޅުންތަކެއް އަރައިގެން މިއުޅެނީ ކީއްވެތޯ މިހާރުން މިހާރަށްވެސް ބަލައި، މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މި މައްސަލައަށް ހައްލެއް ނުލިބެނީ ކީއްވެތޯ ބެލުމަށް އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އެސްޓީއޯގެ ކަމާ ބެހޭ ބޭފުޅުން މަޖިލީހުގެ އިޖްތިމާއީ ކޮމެޓީއަށް ހާޒިކުރުމަށް މުހައްމަދު އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާކަމަށް ބުނެ މުހައްމަދު އިބްރާހިމް ވަނީ މިދިޔަ ނޮވެމްބަރު މަހު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު ނުލިބުމުން މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
