އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް ހިންގާ ގަތުލުއާންމާ ދެކޮޅަށް ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އަޑު އުފުލި މައްސަލާގައި، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެ ކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، މި ދައުވާތައް ކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެކި ދުވަސްމަތިން ގޮސް، އެތަންތަން ކައިރީގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ޑިޕްލޮމެޓިކް މިޝަންތަކަށް އަދި ޑިޕްލޮމޭޓުންނަށް ދަތިވާ ގޮތަށް އަމަލު ކޮށްފައިވާތީ ކަމަށެވެ.

އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ފުރަތަމަ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ. އަދި ދެވަނަ ދައުވާގެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލައިގައި ޝާދިޔާ އާއި ޑރ. ޝަޒްރާ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ހައްޔަރު ކުރިއެވެ. ދެ ފަހަރެއްގެ މަތިން އެ ދެ މީހުންގެ ބަންދު އިތުރު ކުރުމަށް ފަހު ޝަރުތުތަކެއް ކޮށް ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދެ މީހުން ވެސް ވަނީ ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުން ޝަރުތުތަކެއްކޮށް ދޫކޮށްލި އިރު، ޝާދިޔާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ހައި ކޯޓުން ކުރި ހުކުމްގައިވާ ގޮތުން، ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެގޮތަށް ކްރިމިނަލް ކޯޓުން ނިންމީ ކީއްވެކަން ސާފެއް ނުވެއެވެ. އަދި ޝާދިޔާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވެއެވެ. އެހެންކަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރަން ވަނީ ހުކުމް ކޮށްފައެވެ.