ސްޕެއިނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ އުސް ހިސާބުތަކުން ތިރި ސަރަހައްދުތަކަށް ފައިބައިގެން ދިޔަ ފެނާއި ޗަކައިގެ ތެރޭގައި ތާށިވެ 200 އެއްހާ މީހުން މަރުވެފައި ވާ އިރު މީހުންގެ ހާލުބަލަށް ރަސްގެފާނާއި ރާނީ ވަޑައިގަތުމުން ޗަކަ ޖަހައިފިއެވެ.

ރުޅި އައިސްފައި ތިބި އާންމުންގެ ތެރެއަށް ރަސްގެފާނު ފެލިޕެ އާއި ރާނީ ލެޓީޒިއާ ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ، ޗަކަ ޖަހާ އަތުޖެހުނު ލަޓިބުރި ފަދަ ތަކެތި އެ ދެބޭފުޅުންނާ ދިމާއަށް އުކާފައެވެ. އޭރު އެއީ 'މީހުން މަރާމީހުން' ކަމަށް ބައެއް ފަރާތްތަކުން ގޮވަމުން ދިޔައެވެ.

ރަސްގެފާނާއި ރާނީ ގެ ސެކިއުރިޓީން އެ ދެނޭފުޅުން ސަލާމަތް ކުރުމަށް ކުޑަ ނަގައިގެން އުޅުނު ނަމަވެސް ޗަކައިގެ ހަމަލާތައް އެބޭފުޅުންނަށް އަމާޒު ވެފައި ވެއެވެ.

ފެންބޮޑުވެ އެތައް ބަޔަކު މަރުވި ހާދިސާ އާ ގުޅިގެން އާންމުން ރުޅިގަދަވެފައި ތިބީ، ހާދިސާ ހިނގިތާ 4 ދުވަސް ވީ އިރުވެސް ރަސްގެފާނާއި ރާނީ އެމީހުނާ ހަމައަށް ވަޑައިގެންފައި ނުވުމުންނެވެ. އެ ރުޅިވެރިކަމުގައި އާންމުން އެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވައި، ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގޮވަމުން ދިޔައެވެ. އަދި މޫސުން ގޯސްވެ ފެންބޮޑުވާކަން ކުރިއާލައި އެނގޭ ކަމަށާއި އެކަން އެނގިވަޑައިގެން ތިއްބަވާމެ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެވެސް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރަސްގެފާނާއި ރާނީ ވަޑައިގެންނެވި މި ދަތުރުގައި އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި އެންމެ ބޮޑަށް އަސަރު ކުރި ވެލެންސިއާ ސަރަހައްދުގެ ސަރުކާރުގެ ވެރިޔާ ކާލޮސް މާޒޮން ވެސް ބައިވެރިވެވަޑައިގަތެވެ. ޗަކަ ޖަހަން ފެށުމާއެކު ސެކިއުރިޓީން ވަނީ އެ ބޭފުޅުން ދުރަށް ގެންގޮސްފައެވެ.

ސްޕެއިނަށް ދިމާވި މިހާދިސާގައި ފެނާއި ޗަކައާއެކު މަގުތަކަށާއި އަވަށްތަކުގެ ތެރެއަށް ވަނީ ކުނިބުނި ވަދެ ފުރިފައެވެ. އެތައް ވެހިކަލެއް ވަޅުލެވިފައިވާ އިރު އޭގެ ތެރޭގައި ތާށިވެގެންނާއި ގޭގޭގައި ތާށިވުމުގެ ސަބަބުން ގިނަ ބަޔަކު މަރުވިއެވެ.