ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ އިގުތިސާދީ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަދަދުތަކާއި މިންތީގެ ނިސްބަތުގެ އިތުރުން މިފަދަ ގިނަ މައުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތް "ދިވެހިރާއްޖޭގެ އިގުތިސާދީ ފުރަމަލަ 2025" ގެ ނަމުގައި ތައާރަފު ކޮށްފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި މި ފުރަމަލަ އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މި މަސައްކަތުގައި ވަރަށް ފަރުވާތެރިކަމާއިއެކު ކޮންމެ ރަށެއް ވަރަށް ރަނގަޅަށް މޮނިޓާ ކުރެވި، ދިރާސާ ކުރެވިގެން އެރަށެއްގައި މިހާރު ހިނގާ އިގުތިސާދީ ހަރަކާތްތަކަކީ ކޮބައިކަން ބެލުމަށް އެދިވަޑައިގެންފައެވެ. އަދި އެރަށެއްގައި ކުރެވިދާނެ އިގްތިސާދީ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް ރާއްޖޭގައި އުފައްދާ އެކިކަހަލަ މުދާ ނުވަތަ އުފެއްދިދާނެ ތަކެތި އެކްސްޕޯޓްކުރުމަށްޓަކައި އެރަށެއްގައި ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ ބީސީސީން ވަރަށް ފަރުވާތެރިކަމާއެކު ބެލުމަށްވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މި މަސައްކަތް އަމަލީގޮތުން ހއ.އަތޮޅުގައި މި މަހުގެ ތެރޭގައި ފެށޭނެކަމަށާއި އަމާޒަކީ އަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު މުޅި ރާއްޖޭގެ ފުރިހަމަ އިގްތިސާދީ ފުރަމަލައެއް އެކުލަވައިލައި އިފްތިތާހުކުރުން ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ގައުމެއް، ސިޓީއެއް، އަތޮޅެއް ނުވަތަ ރަށެއްގެ ނިސްބަތުން އެ ތަންތަން ހިންގުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކަށް އެންމެ ފުރިހަމަ މައުލޫމާތާއެކު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީސީސީއިން ވަނީ ބުނެފައެވެ. ހަމައެއާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ވުނަ ކުރުމަށްވެސް މަގުފަހި ކޮށްދެވޭނެކަމަށް ވަނީ ބުނެފައެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ވުނަ ކުރުމަށް ޓަކައި ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު ލިބި، ވުނަތަކަށް ފަހި މާހައުލެއް ގާއިމު ކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ފަހިވާނެކަމަށް ބީސީސީ އިން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން އިތުރު އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެވޭނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ ހިދުމަތްތައް ބައްޓަންވާނީ މި ފުރަމަލައިގެ މައްޗަށް ކަމަށާއި، މި މަސައްކަތް ނިމުމުން ރާއްޖޭގެ އިގުތިސާދަށް އޭގެ ފައިދާއާއި މަންފާ ވަރަށް ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި އެ ވިޔަފާރިތަކަށް އިތުރު އެހީ ފޯރުކޮށްދޭން ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ އިގްތިސާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެހެން އިދާރާތަކަށްވެސް މީގެ ބޭނުން ހިފޭނެ ކަމަށް ސާމިހް ވިދާޅުވިއެވެ.

ބީސީސީ އިން ކުރިއަށް ގެންދާ މި ފުރަމަލައަކީ މުޅިރާއްޖެ ހިމެނޭހެން ގައުމީ މަސައްކަތެއްގެ ގޮތުގައި މުޅި ގައުމުގެ އިގުތިސާދީ ފުރަމަލައެއް ގާއިމުކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން މައުލޫމާތު އެއްކުރުމަށް ޓަކައި އެކިއެކި އިދާރާތަކުން އެއްކޮށްފައި ހުރި މައުލޫމާތުގެ އިތުރުން، ބީސީސީގެ ޓީމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެންމެ އަދާހަމަ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އިގުތިސާދުގައި ކުޑަ މިންވަރަކަށް ނަމަވެސް ބައިވެރިވާ ކޮންމެ ފަރާތެއްވެސް ޝާމިލުވާ ފަދަ ފުރަމަލައެއް ތައްޔާރު ކުރުން މިއީ ބީސީސީގެ މުހިންމަތެކެވެ. ކޮންމެ ރައްޔިތެއްގެ، ކިތަންމެ ކުޑަ ނަމަވެސް އިގުތިސާދީ ކަމެއް ނަމަ އެ ކަމެއް ވެސް މި މަސައްކަތުގައި ގުނުމަށް ވަނީ ހަމަޖެހިފައެވެ.