ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ޑިމޮކްރަސީ އާއި ހައްގުތަކާއި މިިނިވަންކަން ގެއްލޭ ގޮތަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން މިއަދު މުޒާހަރާކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން މިއަދު މަޖިލީސް ކައިރީގައި މުޒާހަރާކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް, އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސްގެ މުށުތެރޭގައި ބޭއްވުމަށް ގާނޫނުތައް އިސްލާހު ކުރާތީ ކަމަށް ބުނެއެވެ.

އެމްޑީޕީ މުޒާހަރާގެ ބައިވެރިން ވަނީ މި ސަރުކާރުން ލާމަކުރަޒީ ނިޒާމު ފުނޑާލައިފި ކަމަށާއި، ބާރުތަށް "އަތަށް މަހާލައިފި" ކަމަށް ބުނެފައެވެ. ރައްޔިތުންގެ މަޖިލީސް ހުންނަ ސަރަހައްދުގައި 'ޑިމޮކްރެޓިކް ނިޒާމު ފުނޑާލަނީ' ނަމުގައި އެމްޑީޕީން ކުރި މި މުޒާހަރާގައި އެމްޑީޕީގެ ލީޑަޝިޕްގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މުޒާހަރާ އަކީ އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް ވި ފަހުން އެ ޕާޓީން އިންތިޒާމު ކޮށްގެން ބޭއްވި ފުރަތަމަ މުޒާހަރާއެވެ.

މުޒާހަރާގެ ތެރެއިން ވާހަކަދައްކަވަމުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރަށް 55 ބިލިއަން ރުފިޔާ ފާސްކޮށްފައި ވާއިރު އެ ފައިސާ ހަރަދުކުރަނީ ކޮން ކަމަކަށްކަން ބުނެ ނުދެވޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ރައްޔިތުން އެމްޑީޕީއާ ގުޅިގެން މި ސަރުކާރު ހަމަ މަގަށް އަޅުވަން މަގުތަކަށް އެއްވާންޖެހޭ ކަމަށެވެ.

އެމްޑީޕީ އިން މިއަދު ބޭއްވު މުޒާހަރާގެ ތެރެއިން --

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ބާރުތަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، ނަމަވެސް އަދުލު އިންސާފު ގާއިމުކުރަން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުލަތުގެ ބާރުތަކާއި، މިނިވަން މުވައްސަސާއަތައް އަދި އިންތިހާބުކުރެވޭ ބަޔަކަށް އެމަނިކުފާނު މިހާތަނަށް ވެސް ނުފޫޒު ނުފޯރުވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ނުފޯރުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭސީސީއާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ހުށަހެޅި ބިލުގައި ވާގޮތުން އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރަން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ނަން ފާސްކުރަން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.