60 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދިން ފައިސާއިން ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރައްވާ ހޯމް މިނިސްޓަރު އަލީ އިހުސާން އެކި ޕްލެޓްފޯމްތަކުގައި ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިއްޔެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ދައްކަވާފައިވާ ވާހަކައާ ގުޅިގެންނެވެ. އިހުސާން ވިދާޅުވެފައި ވަނީ، ކުރީގެ ސަރުކާރުން ރާއްޖޭގެ 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރި މަޝްރޫއަށް ބޭނުންވާ 3.6 މިލިއަން ޑޮލަރު ހަވާލު ކުރި ނަމަވެސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުހިންގާ ކަމަށެވެ. އެ ކުންފުނިން ފައްޔާޒްގެ އާއިލީ މަސްލަހަތު އޮންނަ 'ބިގް' ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގައި ގެއެއް ކަަމަށް ވާ ގ. މޫނިމާގެ އިމާރާތް ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ، މިނިސްޓަރު އިހުސާން ވަނީ ކުރީ ސަރުކާރުން ޕޮލިސް ޔުނިޓުތަކެއް އެޅުމާ ގުޅޭ ޕްރޮޖެކްޓަކާ ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި ކަމަށެވެ. މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ ކަމަށާއި ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއް ވާއިރު، އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުން ދިޔުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މިކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭސީސީ އަދި ފުލުހުންނަށް މިއަދު ފައްޔާޒް ވަނީ ސިޓީއެއް ހުށަހަޅުއްވާފައެވެ. އަދި އެކަން ހާމަ ކުރައްވަމުން ފައްޔާޒް ވިދާޅުވީ، މި ވާހަކަ އިހުސާން ދެން ދައްކަވަން ވާނީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހުގައި ކަމަށެވެ.
ފައްޔާޒް އޭސީސީއަށާއި ފުލުހުންގެ ހިދުމަތަށް ފޮނުވި ސިޓީގައި ވަނީ، މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީކޮށް އެއްވެސް ސުވާލެއް ކޮށް ނުވަތަ ތަހުގީގެއް ހިންގާފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެއްވެސް ތަހުގީގެއް ހިނގަމުންދާ ނަމަ އެ ތަހުގީގު އަވަހަށް ނިންމައި މި ކަމުގެ ފުރިހަމަ ޖވާބުދާރީ ވެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް ފައްޔާޒް ވަނީ އެދިވަޑައިގެންފައެވެ.
އަދި މި މައްސަލަ ތަހުގީގު ކުރަމުން ނުދާ ނަމަ މިނިސްޓަރު އިހުސާން ކުރައްވާ ތުހުމަތުތަކުގެ އެންމެ ފުނަށް ވާސިލްވެ، އެކަމުގެ ހަގީގަތް ހާމަކޮށް ދިނުމަށް ފައްޔާޒް ވަނީ އެދިވަޑައިގެންފައެވެ.