އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން ޖުލައި މަހަށް ފަސްކުރުމަށް ނިންމައި، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއި، ދުންފަތާއި ވޭޕްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހުގެ މަސައްކަތް ނިންމާލައި މުޅި މަޖިލީހުގެ ކޮމިޓީ އަށް އަނބުރާ ފޮނުވާލައިފިއެވެ.

ޓެކުހާއި ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މިދިޔަ ބުދަ ދުވަހު މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ އެ އިސްލާހުތައް އިތުރަށް ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ ސަބް ކޮމިޓީއަށް ފޮނުވާލުމަށެވެ. މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އިސްލާހުތައް ފާސްކުރުމަށް ހުށަހަޅަން ފެންނަ ކަމަށް ނިންމައިފައެވެ.

އެގޮތުން ގްރީން ޓެކްސް ބޮޑުކުރުމަށް ހުށަހެޅި އިސްލާހާއި އެއާޕޯޓް ޑިޕާޗާ ފީ އަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް ކޮމިޓީން ނިންމިއިރު، ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހަށާއި، ވޭޕާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހުތަކަށް ކުދި ބަދަލުތަކެއް ގެނެސްފައިވެއެވެ.

ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު:

ސަރުކާރުގެ ފަރާތުން ހުށަހެޅީ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް، އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރުމަށެވެ. އެކަމަކު ޓެކުހާ ބެހޭ ގައުމީ އިދާރާ މީރާގެ ލަފާގެ މަތިން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވީ، އޭޕްރިލް މަހުން ފެށިގެން ނުވަތަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރާ ގޮތަށެވެ. އޭނާގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.

ހަމަ މި އިސްލާހުގެ ދަށުން 15 ވަނަ މާއްދާ އަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވީ ރިސޯޓު މުވައްޒަފުންނަށް ހާއްސަކުރެވިގެން ހިންގާ ފިހާރަތަކުގެ ބަޔަށް، މުވައްޒަފުންނަށް ހާއްސަކޮށް ހިންގާ ކެފޭ އިތުރުކުރުމަށެވެ. އެއީ ޓީޖީއެސްޓީ ނެގުން އިސްތިސްނާ ވާ ތަންތަނެވެ. މި އިސްލާހަށް ތާއީދުކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

މި ދެ އިސްލާހު ފާސްވުމާއެކު، ދެ އިސްލާހާ އެކު ބިލު ފާސްކުރަން ޝުޖާއު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސައުދުﷲ ތާއީދުކުރެއްވިއެވެ.

ވޭޕާއި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު:

ސަރުކާރުގެ ފަރާތުން ހުށަހެޅީ ސިނގިރޭޓާއި ބިޑިންނާއި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނުވަތަ ހީޓެޑް ޓޮބޭކޯގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ 25 ޕަސެންޓުން 50 ޕަސެންޓަށް އިތުރުކޮށް، އީ-ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ 25 ޕަސެންޓުގެ އިމްޕޯޓް ޑިއުޓީ 200 ޕަސެންޓަށް އިތުރުކޮށް، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތައް އެއާ އެއްފަދަ މުދަލުގެ ބާވަތެއްގެ ގޮތުގައި ހިމެނުމަށެވެ.

ނާޒިމް ހުށަހެޅުއްވީ ހީޓެޑް ޓޮބޭކޯގެ ބާވަތްތަކުން ނަގަން ސަރުކާރުން ހުށަހަޅާފައިވާ 200 ޕަސެންޓަށް އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ ބަދަލުގައި ޑިވައިސްގެ އަގު 200 ރުފިޔާއަށް ބޮޑުކޮށް، ކޮންމެ ސްޓިކަކުން އަށް ރުފިޔާ ނެގުމުގެ ބަދަލުގައި ކޮންމެ ގްރާމަކުން އަށް ރުފިޔާ ނަގާ ގޮތަށް ބަދަލުކުރުމަށެވެ.

ނާޒިމްގެ ހުށަހެޅުމަށް ތާއީދުކުރެއްވީ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. އަދި މި އިސްލާހާ އެކު ބިލު ފާސްކުރުމަށް ހުށަހެޅުއްވީ ޝުޖާއު އެވެ.