ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރުމަށް ހުށަހެޅި އިސްލާހުތަކާއި ވޭޕާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު އިތުރަށް ދިރާސާކުރުމަށް ސަބް ކޮމިޓީއަކަށް ފޮނުވާލައިފިއެވެ.
ސަރުކާރުން މިދިޔަ ދެ ހަފްތާގެ ތެރޭގައި ހުށަހަޅާފައިވަނީ:
- ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް
- ގްރީން ޓެކްސް ދެ ގުނަ ބޮޑުކުރުމަށް
- އެއާޕޯޓް ޑިޕާޗާ ފީ ބޮޑުކުރުމަށް
- ވޭޕާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް
މި އިސްލާހުތަކަށް ތަޅުމުގައި ބަހުސްކޮށް، ދިރާސާކުރުމަށްޓަކައި އިސްލާހުތައް ފޮނުވާލީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. މިއަދުގެ ޖަލްސާއަށް ފަހު މި އިސްލާހުތަކާ މެދު މަޝްވަރާކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.
މި ބައްދަލުވުމުގައި އިސްލާހުތަކަށް މަޝްވަރާކުރުމަށް ފަހު ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ނިންމީ މާލިއްޔަތު ކޮމިޓީ އާއި އިގްތިސޯދު ކޮމިޓީގެ ސަބް ކޮމިޓީއަކަށް އިސްލާހުތައް ދިރާސާކުރަން ފޮނުވާލުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުންގެ ހުށަހެޅުންތަކަށް ވޯޓަށް ނޭހީ އިސްލާހުތައް ދިރާސާކުރުމަށް ސަބް ކޮމިޓީއަށް ފޮނުވާލާތީ ކަމަށާއި، ސަބް ކޮމިޓީ މަރުހަލާގައި އިސްލާހުތައް ދިރާސާކުރެވޭއިރު މެންބަރުންނަށް ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.