ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ހިދުމަތްތަކުން ނަގާ ޓެކްސް، ނުވަތަ ޓީޖީއެސްޓީން ނަގާ އަދަދާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅީ އަންނަ މޭ މަހުގެ ނިޔަލަށް ޓީޖީއެސްޓީ 16 ޕަސެންޓުގައި ހިފަހައްޓައި، ޖޫން މަހުން ފެށިގެން 17 ޕަސެންޓަށް ބޮޑުރުކުރާ ގޮތަށެވެ.

މި އިސްލާހާ އެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ކޮސްޓް އެސްޓިމޭޓުގައިވާ ގޮތުން ދައުލަތުން އިތުރު ހޭދައެއް ކުރާކަށް ނުޖެހޭނެއެވެ. އަދި މި ބަދަލުގެ ސަބަބުން އާމްދަނީގެ ގޮތުގައި ދައުލަތަށް އަންނަ އަހަރު 201.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި، 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި، 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ކޮސްޓް އެސްޓިމޭޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން ޓީޖީއެސްޓީ އިތުރުކުރުމުން ބަޖެޓް ޑެފިސިޓް ކުޑަކުރަން މަގުފަހިވާނެއެވެ.

މީގެ އިތުރުން ރިސޯޓުތަކާއި އިންޓެގްރޭޓަޑް ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީ ފަދަ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ ހަ އެމެރިކާ ޑޮލަރު އަންނަ އަހަރުން ފެށިގެން 12 ޑޮލަރަށް އިތުރުކުރުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވެއެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ ތިން އެމެރިކާ ޑޮލަރު ހަ ޑޮލަރަށް އިތުރުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

ހަމަ އެހެންމެ އިކޮނޮމީ ކްލާހުން ދަތުރުކުރާ ފަތުރުވެރިންގެ އަތުން ފީގެ ގޮތުގައި ނަގާ 30 ޑޮލަރު އަންނަ ޑިސެމްބަރު މަހުން ފެށިގެން 50 ޑޮލަރަށް އިތުރުކުރުމަށާއި، ބިޒްނަސް ކްލާހާއި ފަސްޓް ކްލާހާއި ޕްރައިވެޓް ޖެޓުތަކުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާ ފީ ބޮޑުކުރަން، ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާ ބެހޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އެގޮތުން:

  • ބިޒްނަސް ކްލާސް: 60 ޑޮލަރުން 120 ޑޮލަރަށް
  • ފަސްޓް ކްލާސް: 90 ޑޮލަރުން 240 ޑޮލަރަށް
  • ޕްރައިވެޓް ޖެޓުތައް: 120 ޑޮލަރުން 480 ޑޮލަރަށް

މި އިސްލާހު ގެނައުމުގެ ސަބަބުން އަންނަ އަހަރު ދައުލަތަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 1.57 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި މި އިސްލާހުގެ ސަބަބުން އެސްޑީއެފްގެ ބެލެންސް އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް، އެ މިނިސްޓްރީގެ ކޮސްޓުގައި ވެއެވެ.

ސަރުކާރުން ވަނީ ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ނުކުރާނެ ކަމަށް ކުރިން ބުނެފައެވެ.

މި ތިން އިސްލާހު ވެސް މާދަމާގެ މަޖިލީހުގެ ޖަލްސާ އަށް ތައާރަފްކުރަން ވަނީ ތާވަލުކޮށްފައެވެ.