އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކުރަން ނިންމާފައިވާ އީ-ސިނގިރޭޓާއި ވޭޕުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރު ފަރާތުން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ މަގްސަދެއް ކަމަށް ވަނީ ރާއްޖެއަށް އެތެރެކުރާ ދުންފަތާއި ދުންފަތުގެ ބާވަތްތަކާއި ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން މަނާކުރާ ތާރީހުގެ ނިޔަލަށް އެ ތަކެތީގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ.

އެގޮތުން ސިނގިރޭޓާއި ބިޑިންނާއި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ 25 ޕަސެންޓުން 50 ޕަސެންޓަށް އިތުރުކޮށް، ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ނަގާ ތިން ރުފިޔާ އަށް ރުފިޔާ އަށް ބޮޑުކުރުމަށާއި، އީ-ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ކެމިކަލްތަކާއި ފްލެވާތަކުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 50 ޕަސެންޓު ނަގައި ކޮންމެ މިލިލީޓަރަކަށް އަށް ރުފިޔާ އިތުރުކުރުމަށް އެ އިސްލާހުގައި ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ދެން އެ އިސްލާހުގައި ހުށަހަޅާފައިވަނީ އީ-ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ 25 ޕަސެންޓުގެ އިމްޕޯޓް ޑިއުޓީ 200 ޕަސެންޓަށް އިތުރުކޮށް، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތައް އެއާ އެއްފަދަ މުދަލުގެ ބާވަތެއްގެ ގޮތުގައި ހިމެނުމަށެވެ.

ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެކަން އިއުލާނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް އެތެރެކުރުން އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވާނެ ކަމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އޭގެ މަހެއްހާ ދުވަސް ފަހުން މަނާވާނެ ކަމަށެވެ.

އެހެންކަމުން ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ރަސްމީކޮށް ތަންފީޒުކުރެވެން ފެށޭނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ވޭޕްގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާސްޓާޕްލޭނެއް އެކުލަވާލަން ވެސް ރައީސް އިއުލާނުކުރެއްވިއެވެ. އެ މާސްޓާޕްލޭންގައި ހިމެނުމަށް ރައީސް ނިންމެވި ބައެއް ކަންކަމަކީ:

  • ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރަފްކުރުން
  • އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން
  • ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން