ޔަހޫދީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ޓަޔާ ސިޓީ ދުމުން ފޮރުވިފައިވާ ކަމަށާއި މިއަދު ފަތިހު ދިން ހަމަލާގައި 7 މިީހަކު ޝާހިދު ވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ފަހުން ޓަޔަރުގެ ބޮޑު ބައެއް ހުސްކުރުމުގެ އަމުރެއް ނެރެފައިވާ އިރު، އޭގެ ތެރޭގައި ކުރިން ހުސްކުރަން އަންގާފައި ނުވާ ސަރަހައްދުތަކާއި، އޭގެ ތެރޭގައި އާންމުކޮށް ނޫސްވެރިން ތިބޭ ކަނޑުމަތީގެ ހޮޓަލެއް ކައިރީގައި ހުރި އަވަށްތަކަކަށް ވަނީ ހަމަލާ ދީފައެވެ.

އަލްޖަޒީރާ ނޫހުން ބުނާ ގޮތުގައި އިޒްރޭލުން ހަމަލާ ދީފައި ވަނީ ލުބުނާނުގެ އިރުމަތީގައި އޮންނަ ބެކާ ވާދީގެ ބާލްބެކް ސިޓީއަށާއި ކަސްރު ނަބާ އާއި ބަދްނަޔަލް އަވަށަށެވެ. ހަމައެއާއެކު ލުބުނާނުގެ ދެކުނުގައި އޮންނަ ނަބަތީހް ސިޓީއަށް ވެސް ވަނީ ހަމަލާދީފައި ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

ގާޒާގެ އުތުރުގެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެތަނުން ފައިބެގެން ދިއުމަށް އިޒްރޭލުން އިންޒާރު ދީފައިވާ އިރު، އެ ސަރަހައްދަށް އަމާޒުކޮށް ހަމަލާތައް މިއަދު ވަނީ ދޭން ފަށާފައެވެ. އެ ގޮތުން މިއަދު ލުބްނާންގެ ދެކުނު ސަރަހައްދުން އިމާރާތްތަކަށް ހަމަލާތައް ދެމުން އަންނަ އިރު، ބައެއް އިމާރާތްތައް ފުނޑުފުނޑުވެ ބިމާ ހަމަވާ މަންޒަރު ފެންނަ ކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކުރެއެވެ.

އަދި މި ހަމަލާތަކާ އެކު ލުބްނާންގެ ޓަޔާ ސީޓީ ވަނީ ދުމުން ފޮރުވިފައި ކަމަށް ވެސް ރިޕޯޓް ކުރެއެވެ. އިޒްރޭލުން ޓަޔާ ސިޓީގެ ކޯނިޗޭ ސަރަހައްދުގެ އިމާރާތްތަކަށާއި މަދުވެގެން ހަތަރު ހަމަލާއެއް ދިން މަންޒަރު ފެނުން ކަމަށް އެ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން އެ ސިޓީއަށް އަމާޒުކޮށް މިސައިލްތައް އޮއްސާލާފައިވާ އިރު، އެ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި އެ ސިޓީގެ މޫދާ ކައިރިއަށް އޮތް ސަރަހައްދަށް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ބާރުގަދަ ގޮވުންތަކުގެ އަޑު އެ ސަރަހައްދުގައި ގުގުމާލި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން މިދިޔަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އާންމުންގެ އަދަދު ވަނީ 2,500 އިން މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު 11,628 އަށް އަރައެވެ.