އީރާނާ ދެކޮޅަށް އެރިކާއާއި އިޒްރޭލުން ދޭން ފެށި ހަމަލާތައް 2 ހަފްތާއަށް މެދުކަނޑާލައި ޕާކިސްތާނުގައި ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް ފެއިލްވެ ނިމިއްޖެއެވެ.

21 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް މައުމޫމާތު ދެއްވަމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، އީރާނުން ނިއުކްލިއާ ޕްރޮގްރާމު ހުއްޓާލަން އެއްބަސް ނުވި ކަމަށާއި މިހާތަނަށް ދެވޭނެ 'އެންމެ ބެސްޓް އޮޕާ' މިހާރު އީރާނަށް ދީފައި ވާނެ ކަމަށެވެ. އަދި ދިގުދެމިގެން ދިޔަ މަޝްވަރާތަކުގައި އެއްވެސް ކަމަކަށް އެއްބަސްވެވިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތައް ފެއިލް ވެއްޖެ ކަމުގެ ސިގްނަލް ދެއްވައި އެމެރިކާގެ ނައިބު ރައީސް މިހާރު ވަނީ ޕާކިސްތާނުން ފުރާވަޑައިގެންފައެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން އީރާނުގެ އޮފިޝަލުން ވިދާޅުވީ، ސުލްހައިގެ ވާހަކަތަކުން ނިކުތުމަށް އެމެރިކާއިން ބަހަނާއެއް ދައްކަނީ ކަމަށާއި 'ބޯޅަ އޮތީ އަދިވެސް އެމެރިކާގެ އަތުގައި' ކަމަށެވެ.

އިތުރަށް ބުނެފައި ވަނީ، މަޝްވަރާތައް އިތުރަށް ކުރިއަށް ގެނދިޔުމުގެ ވިސްނުމެއް އީރާނުން ދެން ނުގެންގުޅޭނެ ކަމަށާއި މަޝްވަރާތައް ފެއިލްވީ، އެމެރިކާގެ ޑިމާންޑްތައް ބޮޑުކަމުން ކަމަށެވެ.

މަޝްވަރާތައް ދިޔަގޮތާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، ކޮންމެ ގޮތަކަށް އެކަން ނިމުނަސް އީރާނު ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ވެއްޖެ ކަމަށެވެ. މިއާއެކު އެމެރިކާއިން ވަނީ، އެމެރިކާގެ 2 ބޯޓެއް ހޮރުމޫޒު ކަނޑުއޮޅި ހުރަސް ކޮށްފި ކަމަށް ބުނެ އަޑުފަތުރާފައެވެ. ރައްދުގައި އީރާނުން ބުނެފައިވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށާއި، ކަނޑުއޮޅި ހުރަސް ކުރަން އަސްކަރީ މަނަވަރުތަކުން މަސައްކަތް ކުރާނަމަ ވަރުގަދަ ރައްދު ދޭނެ ކަމަށެވެ.

ސުލްހައިގެ ވާހަކަތައް ފެއިލްވުމުން ދެން ވާނެ ގޮތަކާމެދު ސުވާލު އުފެދިފައިވާ މިދަނޑިވަޅުގައި އަސްކަރީ މާހިރުން ވިދާޅުވީ، ދެން އެމެރިކާއިން މަސައްކަތް ކުރާނީ ހަމަލާތައް އަލުން ފަށާ، ވަރުގަދަކޮށް އެއްގަމު މަގުން އަރައިގަތުމަށް ކަމަށެވެ. އެގޮތުން އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން އެމެރިކާގެ ކުރީގެ ޖެނެރަލެއް ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ތިބި އެމެރިކާގެ 15،000 އެއްހާ ސިފައިންގެ އިތުރުން މެރައިންސް (އެއްގަމާއި ކަނޑު) ގެ ހާއްސަ ފައުޖެއް މިހާރު މެދުއިރުމައްޗަށް މިސްރާބު ޖަހާފައި ވާ ކަމަށެވެ. އޭގެ ތެރޭގައި 7،500 އެއްހާ މެރައިންސް ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވެއެވެ.

އެމެރިކާ އަކީ އިޒްރޭލާ ބައިވެރިވެ އީރާނަށް ހަމަލާ ދިނުމުގެ މައި ބައިވެރިޔާއެވެ. އެމެރިކާގެ ބަސް އަހައިގެން އިޒްރޭލުން އީރާނަށް ދޭ ހަމަލާތައް މެދުކަނޑާލާފައިވީ ނަމަވެސް އިޒްރޭލާ އިންވެގެން އޮންނަ ލުބުނާނަށް ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާއާއި ހިނގަމުން މިދާ ހަފްތާގައި ލުބުނާނުގެ 100 ތަނަކަށް ހަމަލާދީފައި ވާ ކަމަށާއި ލުބުނާނުގެ ހިޒްބުﷲ ގެ ބައިވެރިންގެ ތެރެއިން 1300 އެއްހާ މީހުން މަރާލައިފައި ވާކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.

ލުބުނާނުގެ އޮފިޝަލުންނާއި ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފައި ވަނީ އިޒްރޭލުން ދިން ހަމަލާތަކުގައި ހިޒްބުﷲ އާ ގުޅުމެއް ނެތް އާންމުން ދިރިއުޅޭ އެތައް ތަނަކަށް ހަމަލާ ދިން ކަމަށާއި މަރުވި މީހުންގެ އަދަދު 350 އިން މައްޗަށް އަރާފައި ވާ ކަމަށެވެ.