އެމެރިކާގެ ވޮޝިންޓަންގައި އިޒްރޭލާއި ލުބުނާނުން ފްރޭމްވޯކް އެއްބަސްވުމެއްގައި ހުކުރު ދުވަހު ސޮއި ކުރި ނަމަވެސް މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ދެކުނުން އިޒްރޭލު ސިފައިން ފޭބުމުގެ ކުރިން، ހިޒްބުﷲ ގެ ހަތިޔާރު ނެގުމަށް ވަނީ ޝަރުތުކޮށްފައެވެ.

މިއަހަރުގެ އޭޕްރީލް މަހު ފެށި ސީދާ މަޝްވަރާތައް މެދުވެރިކޮށްދިނީ އެމެރިކާއިންނެވެ. އަދި މި އެއްބަސްވުމުގައި އެމެރިކާއިން ވެސް ވަނީ ސޮއިކޮށްފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، މިއީ ވަރަށް ދިގު މަސައްކަތެއްގެ ފެށުމެވެ. އަދި ފުރަތަމަ ފިޔަވަޅަކީ އަބަދުވެސް އެންމެ އުނދަގޫ މަރުހަލާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގެ މަގުސަދަކީ ލުބުނާނުގެ ސިޔާދަތު އިއާދަކުރުމާއި، ހިޒްބުﷲގެ ހަތިޔާރު ނަގައި އެ ޖަމާއަތުގެ އުމްރާނީ ވަސީލަތްތައް ނައްތާލުން ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އެއްބަސްވުމުގެ ލިޔުމުގައިވާ ގޮތުން، މިއީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމެކެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި އިޒްރޭލު ސިފައިން ފައިބާނީ ކަނޑައެޅިފައިވާ ދެ ސަރަހައްދަކުންނެވެ. އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ލުބުނާނުގެ އަސްކަރިއްޔާއިން ބަލަހައްޓަން ފަށާނެއެވެ. ނަމަވެސް، އިޒްރޭލުން މުޅިން ފައިބާނީ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ހަތިޔާރު ނަގައިފިކަން ކަށަވަރުވުމުން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވެއެވެ. މި ކަންކަން ތަންފީޒުކުރުމަށް ތިން ގައުމު ހިމެނޭ އަސްކަރީ ކޯޑިނޭޝަން ގްރޫޕެއް އުފައްދާނެއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ އަމާޒަކީ ލުބުނާނުގެ ހުރިހާ ސަރަހައްދަކުން އިޒްރޭލު ސިފައިން ބޭލުމެވެ. އަދި ލުބުނާނުގެ ރައީސް ޖޯސެފް އައުން ފާހަގަކުރެއްވި ގޮތުގައި، މިއީ ގެދޮރު ގެއްލިފައިވާ މީހުން އެނބުރި ރަށަށް ދިއުމަށް ހުޅުވުނު މަގެކެވެ. ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަނީ، ހިޒްބުﷲގެ ހަތިޔާރު ނުނަގާހާ ހިނދަކު އަދި އިޒްރޭލަށް ނުރައްކާ އޮތްހާ ހިނދަކު ލުބުނާނުން ނުފައިބާނެ ކަމަށެވެ. އިޒްރޭލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ބުނާ ގޮތުގައި، ސަލާމަތީ ގޮތުން ރައްކާތެރި ސަރަހައްދެއް ކަށަވަރުކުރުމަށްޓަކައި ދިގު މުއްދަތަކަށް އިޒްރޭލު ސިފައިން ލުބުނާނުގައި ތިބުމަކީ އެކަށީގެންވާ ކަމެކެވެ.

ވޮޝިންޓަންގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ހިޒްބުﷲ އިން ބައިވެރިވެފައެއް ނުވެއެވެ. އެ ޖަމާއަތުން ގަބޫލުކުރާ ގޮތުގައި އިޒްރޭލު ސިފައިން ލުބުނާނުން ފައިބަންޖެހޭނީ އެއްވެސް ޝަރުތަކާ ނުލައެވެ. ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނައީމް ގާސިމް ވިދާޅުވެފައިވަނީ އިޒްރޭލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި އެމެރިކާ މެދުވެރިވެގެން ހެދި މި އެއްބަސްވުން ތަންފީޒުކުރަން ލުބުނާނުގެ އަސްކަރިއްޔާއިން މަސައްކަތްކޮށްފިނަމަ، އެ ގައުމުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، ހަމަލާތައް މުޅިން ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. އެއްބަސްވުމުގައި ސޮއިކުރި ދުވަހުވެސް އިޒްރޭލުން ވަނީ ލުބުނާނުގެ ބައެއް ރަށްތަކަށް ވައިގެ ހަމަލާތައް ދީފައެވެ. މީގެ ތެރޭގައި މައިފަދޫން އަވަށަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އަދި އަލް-މަންސޫރީ އަވަށުގެ ރައްޔިތުން އެ ރަށުން ފޭބުމަށް އަންގައި އިޒްރޭލު ސިފައިން ވަނީ ލިޔުންތަކެއް އަޅާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލާއި ހިޒްބުﷲއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، މިދިޔަ މާޗު މަހުން ފެށިގެން ލުބުނާނުން ހަތަރު ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނުގެ ގިނަ އަވަށްތަކެއް ހަލާކުކޮށްލާފައެވެ. އަދި މިހާރުވެސް ލުބުނާނުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައެވެ.