ޕީއެންސީއަށް މެންބަރުން އިތުރުކުރަން ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެކަން ކުށްވެރި ކޮށްފިއެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި ޕީއެންސީއަށް މެމްބަރުން އިތުރު ކުުރުމުގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި މީގެ ކުރިން ވެރިކަން ކުރި ޕީޕީއެމް އިން ވެސް ކަންތައް ކޮށްފައިވަނީ އެފަދައިންކަން ފާހަގަކޮށް އެމްޑީޕީން ބުނީ، ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް އެ ޕާޓީއަށް ލިބޭ ކަމަށެވެ. "އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.

ހަމައެހެންމެ ޕާޓީއަށް މީހުން ވެއްދުމަށް ފޯމު ފުރުމުގެ މަސައްކަތް، ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ކުރަމުންދާ ކަމަށާއި މުވައްޒަފުން މެދުވެރިކޮށް އެކަން ކުރުވަމުން ގެންދާތީ ބައެއް އޮފީސްތަކުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބޭ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދި ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕާޓީއަށް ފޯމު ފުރާ މެމްބާޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އެދި އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.

އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށްވެސް އެ ޕާޓީން ގޮވާލާފައި ވެއެވެ. މި ތުހުމަތު ތަކަކީ މީގެ ކުރިންވެސް އިދިކޮޅުން ކުރި ތުހުމަތުތަކަށްވާއިރު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.