އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އިކޯރް ބައިލޮޖިކަލްސް ލިމިޓެޑްއިން އުފައްދާފައިވާ ބޭހުގެ ބެޗްތަކަކުން ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވި ސަމާލުވުމަށް އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އިކޯރް ބައިލޮޖިކަލްސް ލިމިޓެޑްއިން އުފައްދާ "ނޯމަލް އިމުނޯގްލޮބުލިން ފޯ އިންޓްރަވީނަސް ޔޫސް ބީޕީ %5 (އިމުގްލޯ)ގެ ބެޗްތަކަކުން ކޮލިޓީ މައްސަލަތަކެއް ފެނިފައިވާތީ، ސްރީލަންކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާ، ނޭޝަނަލް މެޑިސިން ރެގިއުލޭޓަތީ އޮތޯރިޓީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ އިކޯރް ބައިލޮޖިކަލްސް ލިމިޓެޑްއަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި (އެފްރޫވްޑް ޑްރަގް ލިސްޓް)ގައި ހިމެނޭ ކުންފުންޏެއް ނޫން ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ބެލިބެލުމުން ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މިބޭހުގެ އެއްވެސް ބެޗެއް، ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
ކޮލިޓީ މައްސަލަތައް ފާހަގަވެފައިވާ ބެޗް ނަމްބަރުތައް:
- IG24002AD
- IG24001AD
- IG24004AD
- IG24003AD
އެމްއެފްޑީއޭއިން ބުނީ އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމުތަކަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް މިގައުމުތަކުން ބޭސް އިމްޕޯޓްކުރާތީ، މިކަމަށް ސަމާލުވުމަށް އަންގާފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު، ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެކަން ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.