ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 2 މީހަކަށް އަދިވެސް ފަރުވާ ދެނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކަމަށް ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން 20 މީހަކު ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

އޭގެތެރެއިން 18 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި 2 މީހުންނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ 2 މީހުންނަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމް (އީއާރް) ގައި ކަމަށެވެ.

އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ދީފައެއް ނުވެއެވެ.

ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ރޭ އެކްސިޑެންޓެއް ހިނގާފައި ވާއިރު، ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓްގެ ރިޕޯޓް ރޭ 7:34 ހާއިރު ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވާ ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗަކީ އއ. މަތިވެރި އަދި އުކުޅަހަށް ފެރީގެ ހިދުމަތް ދެމުން އަންނަ ލޯންޗެއްކެވެ. އަދި ދެވަނަ ލޯންޗަކީ ކޮއްދިއްޕަރު ރިސޯޓުގެ ސްޓާފް ފެރީއެވެ.