މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރު ވ. ފެލިދޫ ކައިރިން ހަތް މީހުންނާ އެކު ދަތުރު ކުރަނިކޮށް އެކްސިޑެންޓު ހިނގި ސަރަހައްދުން އިންސާނެއްގެ އަތެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ، ވ. ފުލިދޫ ޝާކް ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށް، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. މި އަތް ފެނިފައި މިވަނީ އެ ހާދިސާގައި މީހެއްގެ އަތެއް ބުރިވެފައި ވަނިކޮށެވެ.

ބުރިވެފައި އޮތް އަތް ފެނުނު ސަރަަހައްދަކީ އެ ހާދިސާ ހިނގި ސަރަަހައްދާ މާ ދުރުނޫން ހިސާބަކަށް ވާއިރު ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިންޑިއާގެ މަޝްހޫރު ރޭމަންޑު ގުރޫޕުގެ ޗެއާމަން ގޯތަމް ސިންހާނިއާ ދުއްވަން އިން އެ ލޯންޗުގައި 7 މީހަކު ދަތުރުކުރިއެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ 2 އަންހެނުންނާއި ގޯތަމް ހިމެނޭހެން އިންޑިއާގެ 5 މީހެކެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ކޯސްޓްގާޑުން އަދިވެސް ދަނީ ކުރަމުންނެވެ. ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތާ ހަވާލާދީ ވ. އަތޮޅު ކައުންސިލްގެ ރައީސާއި ބައެއް މަސްދަރުތަކުން ބުނެފައި ވަނީ، އެ ލޯންޗު ދުއްވަން އިން ސިންހާނިޔާ ހިމެނޭހެން އެ ލޯންޗުގައި ތިބި އެންމެންވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބަންޑުން ޖަހާލި ލޯންޗުން ކަނޑުވެގެން ހޯދަމުންދާ އެކަކަކީ 5 ފަހަރު އިންޑިއަން ނެޝަނަލް ރެލީ ޗެމްޕިއަންޝިޕް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު މޮޓޯ ސްޕޯޓްސް ރެލީ ޑްރައިވަރު ހަރީ ސިންގްއެވެ. އޭނާގެ އުމުރަކީ 59 އަހަރެވެ.