ގެދޮރުވެރިޔާ ސްކީމަށް އެޕްލައި ކުރުމަށް އަންގާ ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި މެސެޖުތަކަކާއި ލިންކުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޑީސީ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީ އިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސްކޭމް މެސެޖުތަކަކާއި ލިންކުތަކެއް ކަމަށާއި، ގެދޮރުވެރިޔާ ސްކީމްގެ އެޕްލިކޭޝަން ފޯމާއި ބެހޭ އެއްވެސް ލިންކެެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށެވެ.

މީގެއިތުރުން އެޗްޑީސީ އިން ކުރާ ހުރިހާ އިއުލާނެއްވެސް އާއްމު ކުރާނީ އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިންވެސް ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކަށް ފޯމުލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމާއި، ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކު ހިމެނޭގޮތަށް އެޗްޑީސީގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށެވެ. އަދި ސައްހަނޫން ބޭންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަމަށާއި، އެފަދަ ކަންކަމަށް ސަމާލުވުމަށް ވެސް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ސްކޭމްގެ އެކިއެކި މައްސަލަަތައް އިތުރުވަމުންދާއިރު ފާއިތުވި 8 މަސް ދުވަހު ވެސް އެފަދަ މައްސަލަތަކުން ގެއްލިފައިވާ 13 މިލިއަންގެ ތެރެއިން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.