ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރުއީ ހަމަތަކާ އެއްގޮތް ހިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިފިއެވެ.
މީގެ އިތުރުން، މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި، ބޭންކަށް އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީވެސް އިސްލާމިކް ބޭންކިން އުސޫލުންނެވެ. ނަމަވެސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިން ހިދުމަތް ލިބޭނެ ގޮތް ބޭންކުން ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.
ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ހުރިހާ ބްރާންޗެއް ވަނީ އިސްލާމިކް ބޭންކިން ބްރާންޗްތަކަކަށް ބަދަލުކޮށްފައެވެ. އަދި މިހާރު އެ ބްރާންޗްތަކުން ހިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެންނެވެ. ބީއެމްއެލް އިން މި ހިދުމަތް ދެމުންދަނީ ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއެކު، ބޭންކުގެ އިސްލާމިކް ބޭންކިން ފަންޑު މުޅިން ވަކިކޮށް، މި ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.
މި މުހިންމު ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިން ހިދުމަތް ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި މި ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނައުންކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިން ހިދުމަތް ފޯރުކޮށްދޭ ބޭންކެވެ. މީގެ ތެރޭގައި ޝަރީއާގެ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ކާޑުތަކުގެ އިތުރުން ފައިނޭންސިން ހިދުމަތްތައް ހިމެނެއެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑު ދޫކުރަމުން އަންނަނީވެސް ބީއެމްއެލް އިންނެވެ.
އާންމު ފަރުދުންގެ ބޭންކިން ހިދުމަތްތައް އިސްލާމިކް އުސޫލަށް ބަދަލުކުރުމަށް ފަށާފައިވާ މި މަސައްކަތަކީ، ރާއްޖޭގައި އިސްލާމީ މާލީ ނިޒާމު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެ ބޭންކުން ދޭ ހާއްސަ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
