ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެމްއެލް އިން ބުނީ އެ ބޭންކާއި މޯލްޑިވްސް އިމިގްރޭޝަން އާއިއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއި އެކު،ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިބޭ އިރު އެކްޓިވް ވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ (ކާޑުގެ ވެރިފަރާތް) ނުލައި ރާއްޖެއިން ބޭރަށް ކާޑު ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއްނެތް ކިޔަވާ ކުއްޖަކަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާނަމަ، އެކުއްޖަކަށް ސްޓޫޑެންޓް ކާޑު، ކިޔަވާކުދިންނަށް ދެވިފައިވާ ހާއްސަލިމިޓާ އެކު ދޫކުރާނެ ކަމަށެވެ. އަދި މިކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެކަމަށާއި ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ވިޔަފާރީގެ ބޭނުމަށް ބައެއްފަރާތްތަކުން ވަރަށްގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާގަންނަން ބޭނުންކުރާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެހެންކަމުން ބޭންކުން ވަރަށް ގިނަ އަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދުފަރާތްތަކަށް ކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމާފައިވާ ކަން ހާމަކޮށް ބީއެމްއެލް އިން ބުނީ އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެ ވޭވަރުގައި ބެހެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަން އަށް ވުރެ ގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ 3 އިންސައްތައަށް ވުރެ މަދު އަދަދެއްކަމަށާއި މި ފަރާތްތަކަކީ މުދާގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްތައްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އިތުރަށް ބީއެމްއެލް އިން ބުނީ ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެކަމަށެވެ. ގިނަ ކްރެޑިޓް ކާޑުތައް ގެންގުލޭ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުލޭ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނެގުމާއެކު އިތުރުކާޑުތަކަށް އަހަރީފީ ނުނަގާ ގޮތަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގެނެސްފައިވާ ބަދަލުަތަކަކީ ޓީޓީ ތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސުމާއެކު ބޭރު ފައިސާ އެ ޓީތީއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާ ގަޑިއެއްގައި ފޮނުވޭނެ ގޮތަށް ވަނީ ހަދާފައެވެ. އަދި ޓީޓީ ތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.