އާންމު ރައްޔިތުންގެ އަތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކުރުމަށްފަހު ސިޔާސީ ވަޒީފާތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރަން ނިންމި ނިންމުމަކީ ދެބޯގެރި ދުއްވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓަށް އެދި ހުށަހަޅާ އިރު، ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 ޕަސެންޓް އުނި ކުރަން ރައީސް ނިންމެވި ނިންމެވުމަށް ފާޑު ވިދާޅުވަމުން ފައްޔާޒު ވަނީ މި ސަރުކާރަށް މިވީ 11 މަސްދުވަހުގެ ތެރޭގައި 3000 އާ ގާތްކުރާ އަދަދަކަށް ސިޔާސީ ވަޒީފާ އުފައްދައިފި ކަމަށެވެ.

އަދި ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ކުޑަކޮށްފައި ނޫނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރާ ވާހަކަ ދެއްކުން ވެސް ލަދުވެތި ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ ސަރުކާރުގެ މި ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޝާހިދު ވިދާޅުވީ ސަރުކާރުގެ ބޭކާރު އިސްރާފު ހަރަދުތައް ކުޑަ ނުކޮށް ރައްޔިތުން އަތުން ޓެކްސް ބޮޑުކުރުމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށެވެ.

ސަރުކާރުގެ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ހުދުމުހްތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލު
އަބްދުﷲ ޝާހިދު

ރައީސް ޑރ. މުއިއްޒު ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 ޕަސެންޓް އުނި ކުރަން ނިންމާފައިވަނީ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައެވެ. އެގޮތުން މުސާރައާ ގުޅޭ ގޮތުން އަޅާ ފިޔަވަޅަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މުސާރައަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ނިންމާފައިވާ އިރު، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އުނިކުރަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މުސާރަ އުނިކުރަން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި 12،000 ރުފިޔާ އިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.