ސިނާއީ (ލައިޓް އިންޑަސްޓްރިއަލް) ބޭނުމަށް ހުޅުމާލޭ ފޭސް 2އިން ބީލަމުގެ އުސޫލުން 16 ބިމެއް ވިއްކުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނީ ވިއްކުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް 2ގެ 1515 އަކަފޫޓާއި 1538 އަކަފޫޓާ ދެމެދުގެ 16 ބިމެއް ކަމަށެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވާންވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީއިން ބުނީ ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށާއި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5،500 ރުފިޔާ ކަމަށް ވާއިރު، ކޮންމެ ފަރާތަކަށް ވެސް ޖުމްލަ 3 ބިން ގަނެވިދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށެވެ.

އެގޮތުން، މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ. އަދި އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ވެސް ސާފުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.