ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް ޗައިނާއަށް ވަޑައިގެންފިއެވެ.

މަޖިލީހުން ބުނީ ނާޒިމް ޗައިނާއަށް ވަޑައިގަންނަވަނީ މި އަހަރުގެ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ޗައިނާގެ ކިންގްޑައޯ ސިޓީގައި މި މަހުގެ 24 އަދި 25 ވަނަ ދުވަހު ކުރިއަށް ގެންދާ މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމްގެ އަރިހުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުގެ އިތުރުން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ލެޓްސް ސީ" އަވާ ފިއުޗާސް - ޕްރޮމޯޓިންގ ބްލޫ ޕާޓްނާޝިޕްސް ފޯ ގްރޯތް އެންޑް ސަސްޓެއިނަބިލިޓީ"އެވެ. ކޮންމެ އަހަރަކު ބާއްވާ މި ފޯރަމަކީ ޝަންޑޮންގް ޕްރޮވިންޝަލް ޕީޕަލްސް ސަރުކާރާއި މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް ގުޅިގެން ބާއްވާ ފޯރަމެކެވެ.

މި ފޯރަމްގައި، ދުނިޔޭގެ މެރިން އިކޯސިސްޓަމް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.